Ads by Stelco

ޚަބަރު

ބަޔޯމެޓްރިކްސް އަޕްޑޭޓުކުރުމަށް އިތުރު ފުރުސަތެއް، ނުކޮށްފިނަމަ ގިނަ ފިޔަވަޅުތަކެއް އަޅާނެ

ބަޔޯމެޓްރިކްސް އަޕްޑޭޓުކުރުމަށް އިތުރު ފުރުސަތެއް، ނުކޮށްފިނަމަ ގިނަ ފިޔަވަޅުތަކެއް އަޅާނެ

ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ---

19 ޖޫން 2025، 08:38

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން މިހާތަނަށް ބަޔޯމެޓްރިކްސް އަޕްޑޭޓުކޮށްފައިނުވާ ބިދޭސީން އެކަން ފުރިހަމަކުރުމަށް އިތުރު ފުރުސަތެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ދީފިއެވެ. މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހީގައި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް އެންގި ނަމަވެސް، މިކަން ފުރިހަމަކޮށްފައިނުވާ ފަރާތްތައް އަދިވެސް ތިބިކަމަށެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަން ފުރިހަމަ ކުރުމަށް މިނިސްޓްރީއިން ވަނީ އިތުރު ފުރުސަތެއް ދީފައެވެ.

މި މުއްދަތުގައި ބަޔޯމެޓްރިކްސް އަޕްޑޭޓުނުކޮށްފިނަމަ، އެ ފަރާތްތަކާ ދޭތެރޭ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން 1 ޖުލައި 2025 އިން ފެށިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރާ ފަރާތްތަކާ ދޭތެރޭ އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް:

1.     ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް މެދުކަނޑާލުން. 

2.    ބައޯމެޓްރިކްސް އަޕްޑޭޑް ކޮށްފައިނުވާ އެކްޓިވް ވަރކް ޕަރމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީ އަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށްފަހު ބާޠިލްކުރުން. 

3.    ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުޞަތު ދިނުން. 

4.    ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖޭގައި ހުރެ ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީއެއްނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވަރކް ޕަރމިޓް ބާޠިލްކުރުން. 

5.    ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން. 

6.    ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމަށްފަހު އެކްޓިވް ވަރކް ޕަރމިޓެއްގައި 1  އަހަރު ދުވަހުގެ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވަރކް ޕަރމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާޠިލްކުރުން.  

7.     ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ ފަރާތަކަށް ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ދިނުން.  

8.    އަދި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވަރކް ޕަރމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސް 4މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވަރކް ޕަރމިޓް ބާޠިލްކުރުން.  

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7690228 އަށް  ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ. 

އޮޕަރޭޝަން ކުރަނގީގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އާންމު މައުލޫމާތު އެއްކުރުމާއި، އިނގިލީގެ ނިޝާން ނެގުމުގެ އިތުރުން، ބިދޭސީން ރާއްޖޭގައި މަސައްކަތްކުރަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުންތޯ ބަލައި ޔަގީންކުރާނެއެވެ. މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ކައުންސިލް އިދާރާތަކުގައި ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން، އެއްކުރެވޭ މަޢުލޫމާތުތަކަށް ބިނާކޮށް ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ވެސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި މޯލްޑިވްސް އިމިގްރޭޝަނުން ގުޅިގެން ކުރާ މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އިޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS