Ads by Stelco

ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ދެވަނަ ފިޔަވަހި މިއަންނަ މަހު ފަށަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ދެވަނަ ފިޔަވަހި މިއަންނަ މަހު ފަށަނީ

"ރެގިއުލަރަރައިޒޭޝަން" ޕްރޮގްރާމުގައި ބައިވެރިވުމަށް ގަލޮޅު ދަނޑަށް ބިދޭސީންތަކެއް އެއްވެފައި، ފޮޓޯ: އަވަސް

19 ޖޫން 2025، 10:23

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދެވަނަ ފިޔަވަހި މިއަންނަ ޖުލައި މަހު 1ގައި ފަށާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ރަނގަޅަށް ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދާ އެއްގޮތަށް ބަދަލުވުމުގެ ފުރުސަތު ފަހިކޮށްދިނުން ނުވަތަ "ރެގިއުލަރައިޒް" ކުރުން ކަމުގައެވެ.

މީގެއިތުރުން ބިދޭސީން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ވެސް މި ފިޔަވަހީގައި ހިމެނެއެވެ. މިކަން ކުރާނީ މަސައްކަތަށް ބިދޭސީން ގެންނަ ޤައުމުތަކާ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މިހާތަނަށް 151،694 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް މަސައްކަތްކުރަމުން ދާތީ، ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި 7،549  ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު، ބިދޭސީން ގެންގުޅޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ހޯދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ބިދޭސީންނާ ގުޅުންހުރި ފީތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ހޯދާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކުރެވުނު އަނެއް އެންމެ ބޮޑު އެއް މަސައްކަތަކީ، ދަޢުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް. އެގޮތުން މިހާތަނަށް ކުރި މަސައްކަތުންވެސް، ބިދޭސީންނާ ގުޅޭ އެކިއެކި ފީތަކުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދަޢުލަތަށް ހޯދާފައިއިވޭ. ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީންލައްވާ މަސައްކަތް ކުރުވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް، ކުރިން އެންގުމަކާ ނުލައި ރެއިޑު އޮޕަރޭޝަންތައް ވެސް މެދުނުކެޑި ކުރިޔަށް ގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS