ކުޅިވަރު

ކްލަބު ވޯލްޑް ކަޕް: އަލްހިލާލްއިން ރެއާލް ހިފަހައްޓައިފި

ކްލަބު ވޯލްޑް ކަޕް: އަލްހިލާލްއިން ރެއާލް ހިފަހައްޓައިފި

މެޗަށްފަހު ރެއާލްގެ ކޯޗު އަލޮންސޯ ކުޅުންތެރިންނަށް ހިއްވަރުދެނީ، ފޮޓޯ: ގެޓީއިމޭޖަސް

19 ޖޫން 2025، 08:22

ސައުދީގެ އަލްހިލާލްއިން ޔޫރަޕުގެ ގަދަބާރު، ރެއާލް މެޑްރިޑު ހިފަހައްޓައިފިއެވެ.

ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް-އެޗުގައި މި ދެ ޓީމު ބައްދަލުކުރިމެޗު 1-1 އިން އެއްވަރުވެފައި އޮވެގެން ނިމެންދަނިކޮށް، ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ހިފަހައްޓައި، އޭޝިއާގެ ޗެމްޕިއަނުންގެ ގޮތުގައި އެ މުބާރާތަށް ކޮލިއިފައިވި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލްހިލާލުން ވަނީ ޕޮއިންޓެއް ހޯދައިފިއެވެ.

މިއީ ރެއާލްގެ ކޯޗަކަށް ޒަބީ އަލޮންސޯ ހަމަޖެއްސިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްފަހު ރެއާލްއަށް ލިވަޕޫލުން ބަދަލުވި އެލެކްސެންޑަރ އާނޯލްޑުގެ ފުރަތަމަ ފެނިލުން ވެސް މެއެވެ.

އެމެރިކާގެ މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިނީ މިޑްފީލްޑަރ ގޮންޒާލޯ ގާސިއާއެވެ. 

ނަމަވެސް މާގިނައިރުތަކެއްނުވެ، ހިލާލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހިލާލްގެ ބްރެޒިލް ފޯވާޑު، މާކޮސް ލިއާންޑްރޯއަށް ރައުލް އެސެންސިއޯކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ރޫބެން ނަވާޒް ކާމިޔާބުކުރީ ރެއާލްގެ ގޯލްކީޕަރު، ތިއާބަތު ކޯޓްވާ ނުބައި ފަޅިއަށް ފޮނުވާލުމަށްފަހުއެވެ. 

މި މެޗުގެ ދެވަނަ ހާފުގައި، ރެއާލުން ވަނީ ޒުވާން ފޯވާޑު އާރދާ ގޫލާ ކުޅެން ނެރެފައެވެ. އަދި އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތަށް ހުރަސްއެޅީ ގޯލުގެ ހުރަސް ދަނޑިއެވެ. 

މެޗުގެ ނަތީޖާ ބަދަލުކުރުމަށް ރެއާލްއަށް ވަނީ އިތުރު ވަގުތުގައި ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ފެޑެރިކޯ ވަލްވާރޑޭ ފޮނުވާލި ޕެނަލްޓީ ވަނީ އުމުރުން 37 އަހަރުގެ ތުރުކީ ގޯލްކީޕަރު، ބޮނޯ މަތަކޮށްފައެވެ. 

މި މުބާރާތުގައި މިރޭ ދަންވަރާއި މާދަމާ ފަތިހާއެކު ތިން މެޗެއް ކުޅޭނެއެވެ. މިރޭ ދަންވަރު 12:00 ގައި އިންޓަ މިއާމީއިން ނިކުންނާނީ ޕޯޓޯއާ ދެކޮޅަށެވެ. މި ދެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ އެއްވަރުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS