ކުޅިވަރު

ހަނގުރާމައާ ހެދި މުބާރާތް ކެންސަލްވިޔަސް، ރާއްޖޭގެ ޓެނިސް ޓީމުން ދަނީ ދަތުރުގެ ބޭނުން ރަގަޅަށް ހިފަމުން: އިރުފާ

ހަނގުރާމައާ ހެދި މުބާރާތް ކެންސަލްވިޔަސް، ރާއްޖޭގެ ޓެނިސް ޓީމުން ދަނީ ދަތުރުގެ ބޭނުން ރަގަޅަށް ހިފަމުން: އިރުފާ

ރާއްޖޭގެ ޓެނިސް ޓީމާއި ވިއެޓްނާމް ޓީމުން ކުޅުނު ޕްރެކްޓިސް މެޗު---

18 ޖޫން 2025، 08:58

އީރާނާއި އިޒްރޭލާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށާފައިވުމާ ގުޅިގެން ޖޯޑަންގައި މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައި އޮތް ބިލީ ޖީން ކިންގް ކަޕް ނުބާއްވަން ނިންމާފައިވީނަމަވެސް، މި މުބާރާތުގައި ވާދަކުރުމަށް މިދިޔަ ހަފްތާ ޖޯޑަންއަށް ދިޔަ ރާއްޖޭގެ ޓެނިސް ޓީމުން އަންނަނީ މި ދަތުރުގެ ބޭނުން ފުރިހަމައަށް ހިފަމުންކަމުގައި، ޓީމުގެ ކެޕްޓަން އަދި މެނޭޖަރ، އާމިނަތު އިރުފާ މާހިރު ބުނެފިއެވެ.

މި ޓީމު ޖޯޑަންއަށް ފުރާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. މުބާރާތަށް ތިން ދުވަހަށްވެފައި އޮއްވައި ޓީމު އެ ގައުމަށް ދިޔައީ، މުބާރާތުގެ ކުރިން ރަގަޅަށް އެ މާހައުލާއި ކޯޓަށް ރަގަޅަށް ހޭނިލުމަށެވެ. ނަމަވެސް ކަންދިމާކުރި ގޮތުން، ޖެހިގެން އައި ދުވަހު ހަމަލާތައް ބަދަލުކުރަން ފެށުމުން، ގިނަ އެއާރލައިންތަކުން މެދުއިރުމަތީގެ ދަތުރުތައް މެދުކަނޑާލިއެވެ. އެހެންކަމުން ގިނަ ޓީމުތަކަށް މުބާރާތް ފެށެންވާއިރަށް ޖޯޑަންއަށް ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. 

ވައިގެ ދަތުރުތަކަށް ބަދަލުއައިއިރު ޖޯޑަންއަށް ދެވުނީ ވީއެޓްނާމް ޓީމަށާއި ރާއްޖެއަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި މުބާރާތް ކުރިޔަށް ނުގެންދިއުމަށް ވަނީ ނިންމާފައެވެ.

"ފަރުދުން"އަށް ދިން އިންޓަވިއުއެއްގައި އިރުފާ ބުނީ، ހަނގުރާމަ ކުރިޔަށް ދިޔަނަމަވެސް، އައްމާނުގައި ބިރުވެރިކަމެއް ނެތް ކަމަށާއި، އެ ސިޓީގައި މީހުން އުޅެނީ އާންމު ދިރިއުޅުމުގައި ކަމަށެވެ. ނަމަވެސް، ބައެއް ވަގުތުތަކުގައި ސައިރަންއަޅާ އަޑު އިވޭކަމަށް އޭނާ ބުންޏެވެ.

މުބާރާތް ނުބާއްވަން ނިންމި ހިސާބުން، ޓީމުން ވަނީ އޮލިމްޕިކް ކޮމެޓީއާއި ކަމާގުޅުންހުރި އެހެން އިދާރާތަކަށް ވެސް އެކަން ހިއްސާކޮށްފައެވެ. އަދި ހާލަތަށް ބަލައި، ފޮރިން މިނިސްޓްރީއާ ވެސް އެކަން ހިއްސާކުރިއެވެ. 

ހާލަތަށް ބެލުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް މުބާރާތް ކެންސަލްވިކަން ހިއްސާކުރިން. އެހެންވެ ޖޯޑަންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ޖޯޑަންގެ ފޮރިން މިނިސްޓްރީއާ ވާހަކަ ދެއްކުމުން، ވަގުތުން ވަގުތަށް ޓީމުގެ ކުޅުންތެރިން ރާއްޖެ ގެންދަންޖެހޭފަދަ ނުރައްކާތެރި ހާލަތެއް ނެތްކަމަށް ވަނީ ބުނެފައި. އެހެންކަމުން، ދަތުރު ހަމަޖެހި ރާއްޖެ ދެވެންދެން ޓީމު މިދަނީ ފަރިތަކުރުންތައް ބާއްވައި ޕްރެކްޓިސް މެޗުތައް ވެސް ކުޅެމުން.  

އިރުފާ ބުންޏެވެ.

މި މުއްދަތުގައި ޖޯޑަން އާއި ވިއެޓްނާމްއާއެކު ރާއްޖޭގެ ޓީމުން ވަނީ ޕްރެކްޓިސް މެޗުތަކެއް ކުޅެފައެވެ. މި މެޗުތަށް ރާއްޖޭގެ ޓީމުން ކާމިޔާބުކޮށްފައިވާކަމަށް ވެސް އިރުފާ ފާހަގަކުރިއެވެ. އަދި ހުކުރު ދުވަހު ފުރުމުގެ ކުރިން ޖޯޑަންއާއެކު އިތުރު މެޗެއް ބުރާސްފަތި ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 

ޓީމުގެ ކަންކަން ރާއްޖޭގެ އެމްބަސީއިން ދަނީ ވަރަށް ރަގަޅަށް ބަލަމުން. އަދި ޓީމު ޕްރެކްޓިސްއަށް ގެންދިއުމާއި ގެނައުމުގައި ޖޯޑަންގެ ސަރުކާރުން ވެސް ދަނީ އެހީތެރިވެދެމުން. އެހެންކަމުން މި ދުވަސްތައް ބޭކާރުނުކޮށް، ބޭނުން ހިފުމަށް މިވަނީ ވަރަށް ފަސޭހަވެފައި.  

އިރުފާ ބުންޏެވެ.

ޓީމު ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ދިވެހި ސަރުކާރުން ވަނީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން، މުބާރާތަށް ދިޔަ ފަސް ބެލެނިވެރިން އަނބުރާ ރާއްޖެ އައުމުގެ ޓިކެޓު ހަމަޖައްސައިދީފައެވެ. ޓީމު ޖޯޑަންއަށް ދަތުރުކުރީ ފްލައި ދުބާއީން ކަމުގައި ވިޔަސް، އެ ފްލައިޓުގެ ދަތުރުތައް މިވަގުތު ޖޯޑަންއަށް ހުއްޓާލާފައިވުމުން، ރާއްޖެ އައުމަށް ޖެހުނީ އައު ޓިކެޓެއް ނަގާށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS