ދުނިޔެ

އެއްވެސް ޤައުމަކަށް އީރާނުން ބޯނުލަބާނެ: އާޔަތުﷲ ޚާމަނާއީ

އެއްވެސް ޤައުމަކަށް އީރާނުން ބޯނުލަބާނެ: އާޔަތުﷲ ޚާމަނާއީ

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޙާމަނާއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ޖޫން 2025، 05:41

18 ޖޫން 2025، 05:41

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްވެސް ޝަރުތެއް ނެތި އީރާނުން ހަތިޔާރު ބެހެއްޓުމަށް ގޮވައިލުމާއި ގުޅިގެން އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޙާމަނާއީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. 

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޙާމަނާއީ ވިދާޅުވެފައިވަނީ އެ ޤައުމަށް މަޖުބޫރުކޮށްގެން ހަނގުރާމައެއް ނުހުއްޓުވޭނެ ކަމަށާއި ނުވަތަ  ސުލްހައެއް ވެސް ނުގެނެވޭނެކަމަށެވެ. މީގެ އިތުރުން ހާމަނާއީ ވިދާޅުވެފައިވަނީ ޢީރާނުން އެއްވެސް ފަރާތަކަށް ބޯނުލަބާނެ ކަމަށެވެ. 

އީރާންގެ ތަސްނިމް ނިއުސް އޭޖެންސީން ދުރަށް ދެއްކި ތަޤުރީރެއްގައި ހާމަނާއީ ވިދާޅުވީ، އީރާނަކީ އެ ޤައުމުގެ ތާރީޚާއި އެ ޤައުމުގެ ރައްޔިތުން ދަންނަ ބަޔަކު ބިރުދެއްކުމުގެ ބަހުރުވައަށް އިޖާބަދޭނެ ބައެއް ނޫން ކަމަށެވެ. އަދި އެމެރިކާއިން ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ހިންގައިފިނަމަ، އޭގެ ނަތީޖާ އަންނާނީ އިއާދަނުކުރެވޭނެ ގޮތަކަށް ކަމަށް އެމެރިކާއިން ދެނެގަންނަން ޖެހޭނެ ކަމަށެވެ.

ހާމަނާއީގެ މި ވާހަކަފުޅުތަކުގައި އެމެރިކާއަށް މުހިންމު ތިން މެސެޖެއް ފޮނުވާފައިވެއެވެ. އޭގެ ތެރޭގައި، އިޒްރާއީލުން ފުރަތަމަ ހަމަލާ ދިން އިރު، އީރާނުން އެމެރިކާއާއެކު ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމާއި، އެ ދުވަސްވަރު އެއްވެސް ސިފައިންގެ ނުވަތަ ހަރުކަށި ހަރަކާތެއް އީރާނުން ނުހިންގާ ކަން ފާހަގަކުރެއްވިއެވެ.

އަދި އެމެރިކާގެ ބައިވެރިވުމަކީ އިޒްރާއީލުގެ ބަލިކަށިކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އިޒްރާއީލުގެ ހަމަލާތަކުން އަނިޔާ ލިބެމުންދާ އީރާނުގެ ރައްޔިތުންނަށް އެއްބައިވަންތަކަމުގެ މެސެޖެއްވެސް ފޮނުއްވިއެވެ.

މި ބަޔާން އައިސްފައިވަނީ އިޒްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސަރަހައްދީ ހަމަނުޖެހުން އިތުރުވެދާނެކަމުގެ ބިރު އުފެދިފައިވާ ވަގުތެއްގައެވެ.

 

“ހަނގުރާމައަށް ހަނގުރާމައިން، ބޮމަށް ބޮމުން، އަދި ހަމަލާއަށް ހަމަލާއިން ޖަވާބުދެވޭނެ. އީރާނުން އެއްވެސް ޑިމާންޑަކަށް ނުވަތަ އަމުރަކަށް ބޯނުލަނބާނެ” ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވެފައިވެއެވެ. 

މީގެއިތުރުން ހާމަނާއީ ވިދާޅުވެފައިވަނީ އީރާނުން ބޯނުލަބާނެ ކަން އެމެރިކާއަށް އެނގެން ޖެހޭނެ ކަމަށާއި އަދި އެމެރިކާއިން އެއްވެސް ވަރަކަށް އަތްގަދަކުރަން އުޅެފިނަމަ، ވަރުގަދަ ޖަވާބަކާއި ނުރައްކާތެރި ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS