Ads by Stelco

ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ހޮވުމުގެ ފުރުޞަތު މާދަމާ ހަމަވަނީ

މަސްވެރިންގެ ދުވަސް ފާހަގަކުރާނެ ރަށެއް ހޮވުމުގެ ފުރުޞަތު މާދަމާ ހަމަވަނީ

ރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދެއް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 11:07

18 ޖޫން 2025، 11:07

މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތު މާދަމާ ހަމަވާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. މި ފުރުޞަތު ހަމަވާނީ މާދަމާ 19 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށެވެ.

މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށް ކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި، އެ ރަށަކީ މަސްވެރި ރަށެއްކަމާއި، ޤައުމީ ފެންވަރުގައި ފާހަގަކުރާ އެހެން ދުވަހެއް އެ އަހަރު އެ ރަށުގައި ފާހަގަ ނުކުރާ ރަށަކަށްވުން ހިމެނެއެވެ. އަދި މީގެ ކުރިން މަސްވެރިންގެ ދުވަސް ބާއްވާފައިވާ ރަށެއްނަމަ، އެންމެ ފަހުން އެ ރަށުގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު ވެފައިވުންވެސް ޝަރުތުކުރެއެވެ.

މީގެ އިތުރުން، އެ ރަށެއްގެ ރައްޔިތުން މި މުނާސަބަތު ފާހަގަކުރުމަށް ޝައުޤުވެރިވާ މިންވަރާއި، އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކާއި، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރަށްވެސް ބަލާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދުވަހާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި، އެކަން ކުރުމުގެ ޤާބިލުކަން ހުރި މިންވަރަށްވެސް ރިޢާޔަތްކުރާނެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު ހުށަހަޅަންވާނީ ގަވަރމަންޓް އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް 3339274 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS