ޚަބަރު
އެފޯޑަބަލް ހައުސިންގެ 182 ފްލެޓެއްގައި ފައުންޑޭޝަން މަސައްކަތް ފަށައިފި
ބީއެމްއެލް އެފޯޑަބަލް ހައުސިންގް މަޝްރޫޢުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1 ގައި އިމާރާތްކުރާ 182 ފްލެޓުގެ ފައުންޑޭޝަން މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަންއާއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ހިންގާ މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. އެގޮތުން ފައުންޑޭޝަން އެޅުމުގެ މަރުހަލާގެ ތެރެއިން، މިހާރު ކޮންކްރީޓް އެޅުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފައެވެ.
ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ލަފާކުރެއެވެ. 3 ކޮޓަރީގެ މި ހައުސިންގ ޔުނިޓްތަކަކީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް ޔުނިޓްތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މި މަޝްރޫޢު ވެގެންދާނީ އެއް ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، ފުރިހަމަކޮށް ނިންމުމަށްފަހު އޭގެ ޙައްޤުވެރި ފަރާތްތަކާ ޙަވާލުކުރެވޭނެ ތާރީޚީ ފުރަތަމަ ހައުސިންގ މަޝްރޫޢަށެވެ. އަދި މިއީ ރާއްޖޭގައި، ޚާއްޞަކޮށް މާލެ ސަރަޙައްދުގައި ގެދޮރު ހޯދުމުގައި އޮތް ބޮޑު ޑިމާންޑަށް އެކަށީގެންވާ ދާއިމީ ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ ދަށުން މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 3,260 ހައުސިންގ ޔުނިޓް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.