ޚަބަރު
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ ބިލު މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުން---
އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މުތުލަގަށް މަނާކުރުމަށް ހުށަހެޅި އިމިގްރޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
މިހާރު އަމަލުކުރަމުންދާ އިމިގްރޭޝަންގެ ޤާނޫނުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކޮށްފައިވާއިރު، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ކަމަށް ބަޔާންކޮށްފައިވަނީ ވަކި ހާލަތްތަކަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. ނަމަވެސް، މިއަދު މަޖިލީހުން ބަލައިގަތް އައު ބިލުގައި ވަނީ އެއްވެސް ހާލަތަކަށް ރިއާޔަތްކުރުމެއް ނެތި، އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް މުތުލަގަށް ކަނޑައަޅައި ބަޔާންކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި "މޯލްޑިވްސް އިމިގްރޭޝަން" ގެ ނަމުގައި މަދަނީ ވަކި ޚިދުމަތެއް ޤާއިމުކުރުމެވެ. މީގެއިތުރުން އިމިގްރޭޝަންގެ ޚިދުމަތް ހިންގުމާގުޅޭ ހަރުދަނާ އުސޫލުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއަށް މީހުން އައުމާއި ފުރުމާގުޅޭ ޚާއްސަ އަދި އާންމު އުސޫލުތައް އެކުލަވާލުން ހިމެނެއެވެ. އަދި ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެއިން ފުރުމަށާއި އަނބުރާ އައުމަށް ބޭނުންވާ ޕާސްޕޯޓު ދޫކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ތަފްސީލުކޮށްފައިވެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ އިމިގްރޭޝަނާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅުއްވާނީ ކަމާބެހޭ ވަޒީރެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވެސް ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.