Ads by Stelco

ޚަބަރު

ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ނާޖާއިޒް ފާއިދާއެއް ނެގުމުގެ ފުރުޞަތު ނުދޭނަން: ސީޕީ

ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ނާޖާއިޒް ފާއިދާއެއް ނެގުމުގެ ފުރުޞަތު ނުދޭނަން: ސީޕީ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖޫން 2025، 10:31

18 ޖޫން 2025، 10:31

ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ނާޖާއިޒް ފާއިދާއެއް ނެގުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ސީޕީ ނަވީން މިހެން ވިދާޅުވީ، ސީޕީ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ދިވެހި ރާއްޖޭގައި ޖަމާޢަތް ހަދައިގެން ކުރާ ކުށްތަކާއި އެނޫންވެސް ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ފާސްކޮށް ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ޤާނޫނަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު ޤާނޫނު ތަންފީޒުކުރަން އިދާރާތަކުން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤު ކުރައްވާތާ 3 މަސް ފަހުންނެވެ. އަލަށް ގެނެވުނު މި ޤާނުނުގައި ގޭންގުތައް ހުއްޓުވުމަށް މީގެކުރިން ފުލުހުންނަށް ދިމާވާ އެކި ގޮންޖެހުންތައް ހައްލުކޮށް ގިނަ ބާރުތަކެއް ފުލުހުންނަށް ވަނީ ދީފާއެވެ.

ޤާނޫނުގައި ދީފައިވާ ބާރުތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މި ޤާނޫނުގެ ދަށުން ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ފުލުހުން ހިފާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސް ނަވީން ވިދާޅުވީ ޤާނޫނު ތަންފީޒުވާން ފެށުމުން ފެނިގެންދާނީ ފުލުހުންގެ ނަޒާހާތްތެރިކަން ކަމަށެވެ.

"ރައްޔިތުން ފާހަގަކުރާ ވަރުގެ ކަންބޮޑުވުންތަކުގައި، އަޅުގަނޑުމެން ތަންފީޒު ކުރަން ފެށީމަ ފެންނާނެ އަޅުގަނޑުމެންގެ ނަޒާޙާތްތެރިކަމާއި. ގެންގުޅޭ ތްރެޝްހޯލްޑުތައް ހުރިގޮތް. އަޅުގަނޑު ޤަބޫލުކުރަނީ އީ އަޅުގަނޑު މި މަޤާމުގައި ހުރެގެން، އޭގެ އެއްވެސް ކަހަލަ ނާޖާއިޒް ފައިދާއެއް ނެގިޔަކަ ނުދޭނަން މޯލްޑިވްސް ޕޮލިސް ސާވިސްއަކުން، " ނަވީން ވިދާޅުވިއެވެ.

މި ޤާނޫނު ތަންފީޒުކުރުމަށް މިހާރު ފުލުހުން ޢަމަލުކުރާނެ ގޮތުގެ އިޖުރާޢަތްތައް އެކުލަވާލަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި މިހާރު އެކި ގޮތްގޮތުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ސީޕީ ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އައު ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު މިފަދަ ކުށްތައް މަދުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

                    

މި ލިޔުން ކިޔާލުމުން

Ads by MSS