ޚަބަރު
ވެލިދޫ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި

ވެލިދޫ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރިޔަށްދަނީ، ފޮޓޯ: އާރުޑީސީ
ނ. ވެލިދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާކަމަށް، އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)އިން ހާމަކޮށްފިއެވެ.
އާރުޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، ޕަބްލިކް ސެކްޓަރ އިންވެސްޓުމެންޓު ޕްރޮގްރާމުގެ ދަށުން ވެލިދޫގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލުގައި މިހާރު ވަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައެވެ.
ވެލިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ ވާހަކަ ދެކެވޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ނ. ވެލިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު އަންނީ ކުރަމުން. #TeamRDC pic.twitter.com/xpg72S0ivQ
— Road Development Corporation Ltd (@rdcmaldives) June 17, 2025
ވެލިދޫ ހޮސްޕިޓަލަކީ ކުރިން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރަން މަސައްކަތްކުރި ހޮސްޕިޓަލެކެވެ. އެގޮތުން މި މަސައްކަތް ކޮށްދިނުމަށް އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ 2023 ވަނަ އަހަރުގެ އޯގަސްޓު މަހު ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެ ކުންފުނިން އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
މި މަސައްކަތް ހުއްޓުނު ސަބަބެއްކަމަށް މި ސަރުކާރުން ބުނަނީ، ކުވޭތު ފަންޑުން ލޯނު ހަމަޖެހުނު ނަމަވެސް، އެ ފަންޑު ހުއްޓިފައިވުމުން ކަމަށެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވީ، އެފަދަ ފަންޑުތަކުން މަޝްރޫއުތައް ހިންގަން ފައިސާ ދޫކުރާ ހާއްސަ އުސޫލުތަކެއް ހުންނަކަމަށާއި، އެ ފައިސާ ހޯދުމަށް ސަރުކާރުން ވަކި އިޖުރާއަތްތަކެއް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންކަން ނުކޮށް ކުރީ ސަރުކާރުން ފަރުވާ ކުޑަކޮށްފައިވާކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ.
މިކަމަށް ރައްދު ދެއްވައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރު ބަދަލު ވިޔަސް އެ ލޯނު ހަމަޖެހޭނެ ކަމުގެ ޔަގީންކަން ލިބިފައި އޮތް ކަމަށެވެ. އަދި އެ މަޝްރޫއު އެހާބޮޑަށް ލަސްވެގެން ދިޔައީ ކުވޭތުގެ ދާހިލީ އަދި ސިޔާސީ ނުތަނަވަސްކަން އެ ދުވަސްވަރު ބޮޑުވެފައި އޮތުމުން، އެ ފަންޑަށް އެކަމުގެ އަސަރުކޮށްގެންކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
އެންމެ ފަހުން ދައުލަތުގެ ހަރަދުގައި މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް އާރުޑީސީއާ ހަވާލުކުރީ މިދިޔަ މާރިޗު މަހު 28 ވަނަ ދުވަހެވެ. އަދި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރިތާ 11 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފާއިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ހޮސްޕިޓަލް މަސައްކަތާއި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، ވެލިދޫގައި އެހެން ދެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް އާރުޑީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ އެ ރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި، ރިހެބިލިޓޭޝަން ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތެވެ.