ޚަބަރު
ކޮމިޝަންގެ ބަޔާން: ބެލެވެނީ ޔުމްނު ވެއްޓުނީކަމަށް

ރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ---
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލާގައި ބޮޑަށް ބެލެވެނީ، އެއީ އެހެން މީހެއްގެ ގަސްތެއް ނެތި ހިނގި ހާދިސާއެއްކަމަށް ރިޔާސީ ކޮމިޝަނުގެ ބަޔާނުގައި ބުނެފިއެވެ. ނަމަވެސް މީހަކު ގަސްދުގައި ވައްޓާލާފައި އޮތްކަމަށް، ނޫނީ އޭނާ އަމިއްލަ އިހުތިޔާރުގައި ފުންމާލާފައިވާކަމަށް ކަނޑައެޅެން ނެތްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށާއި، ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.
އަދި ކޮމިޝަނަށް ހާޒިރުކުރުމުން، އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ، އެ ރޭ ޔުމްނުއާއެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ބުނެފައިވާކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އެހެންކަމުން، ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކަނޑައެޅެން ކޮމިޝަނަށް ނެތްކަމަށް އެ ރިޕޯޓުގައި ވެއެވެ.
އަދި ޔުމްނު ވައްޓާލާފައި ނުވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ކަންތައްތަކެއް ވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެއީ:
- ރައުދު އާއި ޔުމްނުއާ ދެމެދު އެއްވެސް ރުޅިވެރިކަމެއް އެރޭ ހިނގާފައި ނެތްކަމަށް ބެލެވުމާއި، ޔުމްނު ވެއްޓުނު ފަންގިފިލާއަށް އަމިއްލަ އިހުތިޔާރުގައި މީހެއްގެ މަޖުބޫރުކަމެއް ނެތި އަރާފައިވުން.
- ޔުމްނު ވެއްޓުނު ގެޔަށް ގެންދިއުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތްކަމަށް ވީޑިއޯ ފޫޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
- ޔުމްނު ވެއްޓުމުން އޭނާ ހޯދުމަށް ރައުދު މަސައްކަތްކުރިކަން އެނގެން އޮތުން.
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން އޮތުން.
އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުންކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތްކަމަށް ނުބެލެވޭކަމަށް ރިޕޯޓްގައިވެއެވެ. އަދި ރައުދު ގަސްތުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަކަމަށް ރިޕޯޓްގައި ވެއެވެ.
އަނެއްކޮޅުން، ޔުމްނު ވެއްޓުނީ އޭނާގެ އަމިއްލަ އިހުތިޔާރުގައިކަން ބެލެވެން ނެތްކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ. ރިޕޯޓްގައި އޮތީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީކަމަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމުން ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ވެއްޓުނީ ކަމަށާއި، އަދި އޭނާ ވެއްޓުނީ ސިޑި ގޮޅީގެ ކުޑަ ދޮރުންކަމަށް ބެލެވޭ ކަމަށެވެ. މިގޮތަށް ބެލެވޭ ސަބަބަކީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުންކަމަށް ވެސް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.