ޚަބަރު
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ދެ ޝެއިހުންނާ ދެކޮޅަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފި

2022 ވަނަ އަހަރު އޮތް ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސްއެޅުން، ފޮޓޯ: ރާއްޖެއެމްވީ
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން 2022 ވަނަ އަހަރު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއެޅުމަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
މި ދެ ޝެއިހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާއެވެ. ކުށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލަ ރައްދުވާ ދެ ފަރާތުން ވެސް މައްސަލަ އަލުން މުރާޖާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މައްސަލަ މުރާޖާ ކުރުމަށްފަހު އެ އޮފީހުން ނިންމީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށްކަމަށް ވަނީ ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އިތުރުކަންތައްތަކެއް ވެސް ނިންމާފައެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި، މި ހަރަކާތާ ގުޅިގެން ހަމައެކަނި ކުރިޔަށް ގެންދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުންގެ މައްސަލަ އެކަނިކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މި މައްސަލަ މުރާޖާ ކުރުމުގައި ވިސްނާފައިވާ ކަންކަމަށް އަލިއަޅުވާލައި ޕީޖީ އޮފީހުން ހާމަކުރީ، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކާ ގުޅިހެން ކަމަށާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުން ހިމެނޭކަމަށެވެ. މީގެ އިތުރުން ދައުވާލިބޭ ފަރާތްތަކުން މުޖުތަމައުގައި އަދާކުރާ ދައުރަށް ވެސް ރިއާޔަތްކޮށްފައި ވާނެކަމަށް ވަނީ ހާމަކޮށްފައެވެ.