ޚަބަރު
ކުރީގެ ރައީސް ނަޝީދާއި އީވާ އެމްޑީޕީއާއި އަލުން ގުޅެން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީއާ އަލުން ގުޅެން ނިންމައިފި އެވެ. މި ނިންމުން ނިންމީ ދަ ޑިމޮކްރެޓްސް ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ގަރާރެއް ފާސްކުރުމަށްފަހު އެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ނެޝަނަލް އެސެމްބްލީގައި މިއަދު ފާސްކުރި ގަރާރުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަޤުބަލު ރަނގަޅުކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިޤުރާރުވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން މި ގަރާރު ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސް ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދެވެ. ގަރާރު ފާސްކުރީ ޕާޓީގެ ގިނަ މެންބަރުންގެ ތާއީދާއެކުއެވެ.
މި ނިންމުމާ ގުޅިގެން ދަ ޑިމޮކްރެޓްސް ޕާޓީގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައިވާއިރު، އެ ޕާޓީގެ އިސް މެންބަރުން މިކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅެއް ނުވި އެވެ. އެހެންނަމަވެސް ހަމްދާ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ސުވާލުގެ ޖަވާބު ލިބޭނެ ކަމަށެވެ.
މި ނިންމުމުގެ ކުރިން، އިއްޔެ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގެ ތަފްސީލު ހާމަކޮށްފައި ނުވިނަމަވެސް، ފައްޔާޒް ވިދާޅުވެފައިވަނީ ޤައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
މި ނިންމުމާ ގުޅޭގޮތުން އެމްޑީޕީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ ޤައުމީ މަޖިލީހުން މީގެ ކުރިން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވެސް ގުޅިގެން ސިޔާސީ މަސައްކަތް ކުރަން ފާސްކޮށްފައެވެ.