ޚަބަރު
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މެރކް ފައުންޑޭޝަންގެ 7 ވަނަ ސަމިޓަށް ދުބާއީއަށް ފުރާވަޑައިގެންފި

މެޑަމް ސާޖިދާ މުޙައްމަދު 2024 ވަނައަހަރުގެ މެރކް ފައުންޑޭޝަން ސަމިޓުގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި މިއަދު ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ ދުބާއީއަށް ވަނީ ފުރާވަޑައިގެންފައެވެ.
މި މަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ސަމިޓުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން، އިފްތިތާޙީ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި މައިގަނި ގޮތެއްގައި މަޝްވަރާކުރެވޭނީ ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން އިތުރުކުރުމުގެ މައްޗަށެވެ.
އެފްރިކާ އަދި އޭޝިޔާގެ ޤައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވުނު މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024 ގެ 11 ވަނަ އަހަރީ ކޮންފަރެންސަށް ފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް މުރާޖަޢާކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދަށް މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ލިބިވަޑައިގަތުމެވެ. މި މަޤާމުގައި އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްޙަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ޞިއްޙީ ދާއިރާގެ މާހިރުން އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.
މީގެ އިތުރުން، ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުން ރައްކާތެރިވުމާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް، މެރކް ފައުންޑޭޝަނާއެކު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.