ޚަބަރު
ވަޒީފާނެތް ދިވެއްސަކު ނެތް މިންވަރަށް މި 5 އަހަރު ތެރޭގައި ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް، ފުދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއް އޮތް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ހުނަރުވެރި ދިވެހިން އުފެއްދުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
މި ރަސްމިއްޔާތަކީ އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމުގެ ޤައުމީ ސަރވޭ އިފްތިތާޙުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު ތަސައްވުރަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށާއި، މިކަން ޙަޤީޤަތަކަށް ހެދުމަށް ބޭނުންވަނީ ކިޔަވައިގެންތިބި ހުނަރުވެރި މަސައްކަތްތެރި ދިވެހިން ގިނަ އަދަދަކަށް އުފެއްދުން ކަމަށެވެ.
ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަޒީފާނެތް ދިވެއްސަކު ނެތް މިންވަރަށް މި 5 އަހަރު ތެރޭގައި ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންފައިވެއެވެ. މިހާތަނަށް މި އަމާޒަށް ވާސިލްވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ދިވެހިންނަށް އެކަނި ޚާއްޞަކުރެވޭ ވަޒީފާތަކެއް ކަނޑައަޅާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޓުއަރިޒަމް، އިމާރާތްކުރުން، އަދި ޞިއްޙީ އަދި ތަޢުލީމީ ދާއިރާ ފަދަ މުހިންމު ސިނާޢަތްތަކުގެ ވަޒީފާގެ ހާލަތަށް ސަރުކާރުން ވަނީ އަލިއަޅުވާލާފައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ސިނާޢަތްތައް ތަޢާރަފުކުރެވި، އޭގެ ސަބަބުން އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ، ބަންކަރިން ޚިދުމަތް އަދި ސީޓުއެއާ ކާގޯގެ ޚިދުމަތް ފަށާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ޚިދުމަތް ފެށުމާއެކު ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް އެ ރަސްމިއްޔާތުގައި ވިދާޅުވީ، ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންދާނީ ވަޒީފާތަކަށް ނުކުންނަ ހީވާގި އަދި ހުނަރުވެރި ދިވެހިން ގިނަވެގެން ކަމަށެވެ. އަދި ރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ، ފުދުންތެރި ދައުލަތެއް ބިނާކޮށް އާރާސްތުކުރުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނައިބު ރައީސް ވާހަކަފުޅު ނިންމަވާލެއްވީ، މި މަސައްކަތަކީ ޤައުމުގެ މާދަމާގެ ދަރިންގެ ޙައްޤުގައި އުފުލަންޖެހޭ ވާޖިބެއްކަމުގައި ވިދާޅުވަމުންނެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.