Ads by Stelco

ޚަބަރު

ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓް އިފްތިތާހުކޮށްފި

ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓް އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 ޖޫން 2025، 12:12

17 ޖޫން 2025، 12:12

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ފަންނުވެރިކަމާއި ހުނަރުތައް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓްގެ ރިޕޯޓް" މިއަދު އިފްތިތާހުކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވުނު ރަސްމިއްޔާތުގައި މި ރިޕޯޓް ލޯންޗްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަޠީފެވެ.

މި ރިޕޯޓަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ވާރލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން 2024 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތަކާއި ހުށަހެޅުންތައް ހިމެނޭ ރިޕޯޓެކެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ތަމްރީނުދޭ މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ މަގުޗާޓެއް އެކުލަވާލުމެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މަސައްކަތުގެ ދާއިރާތަކުގެ މަޢުލޫމާތު އެއްކުރެވިފައިވާ ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކުރުމާއި ނެޝަނަލް ކެރިއާސް ސާރވިސް މެދުވެރިކޮށް ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމަކީވެސް މި ދިރާސާގެ ބޭނުމެކެވެ.

ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކޮށްފައިވެއެވެ. މި ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން، ޢިމާރާތްކުރުން، އިޖްތިމާޢީ ދާއިރާތައް (ތަޢުލީމް އަދި ސިއްޙަތު)، ވިޔަފާރި، އައި.ސީ.ޓީ، ދަނޑުވެރިކަމާއި މަސްވެރިކަން، އަދި ދަތުރުފަތުރުގެ ދާއިރާ ހިމެނެއެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުޞަތުތައް އެންމެ އިތުރުވެގެންދާނެ ކަމުގައި ފާހަގަކުރެވޭ އެންމެ މުހިއްމު ދާއިރާތަކަކީ ފަތުރުވެރިކަން، ޢިމާރާތްކުރުން، ޞިއްޙީ ދާއިރާ އަދި އައި.ސީ.ޓީ ދާއިރާއެވެ.
މި ދިރާސާއިން ފާހަގަކޮށްފައިވާ މުހިންމު ހުށަހެޅުންތަކުގެ ތެރޭގައި:

ވޮކޭޝަނަލް އެޑިއުކޭޝަން އަދި ޓްރޭނިންގ ޕްރޮގްރާމްތައް ހަރުދަނާކުރުން
މައިކްރޯ ކްރެޑެންޝަލް ޕްރޮގްރާމްތައް ތަޢާރަފްކުރުން
ހަރުދަނާ ކެރިއަރ ގައިޑެންސް އަދި ކައުންސެލިންގ ޚިދުމަތްތައް ތަންފީޒުކުރުން
ޓްރެއިނިންގ އަދި ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކަށް ދިއުން
މަތީ ތަޢުލީމަށް ދެވޭ އެހީތައް ހުނަރުގެ ދަތިކަން ހުރި ދާއިރާތަކަށް އަމާޒުކުރުން
ވަޒީފާތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އާއިލާއާ ރައްޓެހި މަސައްކަތުގެ ސިޔާސަތުތައް ތަޢާރަފްކުރުން
ކްލައިމެޓް ރެސިލިއަންސް އަދި އާ ޓެކްނޮލޮޖީއާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ތަޢާރަފްކުރުން
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ފުޅާކުރުން

ހިމެނެއެވެ.މި ރިޕޯޓުން ހާމަކޮށްދޭ ގޮތުގައި، ތަޢުލީމާއި ތަމްރީނުތަކާއި ވަޒީފާގެ ބާޒާރުގެ ބޭނުންތަކާ ދެމެދު ހުރި ގުޅުން ހަރުދަނާކުރުމަކީ މުހިންމު ކަމެކެވެ. އަދި މެދުނުކެނޑި ހުނަރުވެރިކަން ތަރައްޤީކުރުމުގެ ސަގާފަތެއް އާލާކުރުމަށް ބާރުއަޅާފައިވެއެވެ.
މި ދިރާސާގެ މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާއެވެ. މި ރިޕޯޓުގެ ހޯދުންތަކާއި ހުށަހެޅުންތައް ތަންފީޒުކުރުމުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށާއި، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS