ޚަބަރު
ޖީއެސްޓީ ދެއްކުމުގެ މުއްދަތު ބަދަލުކުރުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް އޮތް ގާނޫނު ބަދަލުކުރުމަށް ހުށަހެޅި ގަރާރު މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބޭރުކޮށްލައިފިއެވެ. މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ދައްކަން ޖެހެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަން ޖެހޭ ހާލަތު މެދުވެރިވެއެވެ.
މެންބަރު ނިއުޝާދު ހުށަހެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވަނީ، ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކެނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ ކަމަށެވެ. އަދި މި ހާލަތުގައި ޓެކްސް ނުދެއްކި އޮތުމުން، އެއީ ޓެކްސް ނުދައްކާ ކުންފުންޏަކަށް ހަދައި، ސަރުކާރުގެ މަސައްކަތްތައް އެ ކުންފުނިތަކާ ހަވާލުނުކުރުމަކީ "ޖަރީމާއެއް" ކަމުގައި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވަނީ، މި ކަމުގެ ސަބަބުން އިގްތިސާދު ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވެދާނެ ކަމަށެވެ. އަދި މުދަލެއް ނުވަތަ ޚިދުމަތެއް ވިކޭނެ ވަގުތަކީ ވިއްކާ ފަރާތުގެ ބާރުގެ ދަށުގައިވާ ކަމަކަށް ނުވާއިރު، ވަކި ވަގުތެއްގައި ޓެކްސް ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ޖަލްސާގައި މި ގަރާރަށް ބަހުސްކުރުމާމެދު ނެގުނު ވޯޓުގައި، ބަހުސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އަދި ބަހުސްކުރަން ނުފެންނަކަމަށް 36 މެމްބަރުން ވޯޓު ދެއްވުމާއެކު، ގަރާރު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.