ދުނިޔެ / ރިޕޯޓް
އިޒްރާއިލް-އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރާނީ ކޮން އަސަރެއް؟

އިރާން އިޒްރާއިލްގެ ހަނގުރާމަ
އިޒްރާއިލާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކަށް މިހާރު ހަތަރު ދުވަސްވެފައިވާއިރު، ދުނިޔޭގެ ތެލާއި ގޭހުގެ އެންމެ މުހިންމު ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަށް މި ހަނގުރާމަ ފެތުރިދާނެކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.
ހުކުރު ދުވަހު އިޒްރާއިލުން އިރާނަށް ދިން ކުއްލި ހަމަލާ އީރާނުގެ އިސްއަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒުވެފައިވާއިރު، އެ ގައުމުގެ ނިއުކްލިއަރ މަރުކަޒުތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އޭގެ އިތުރުން ހޮނިހިރު ދުވަހު އީރާނުގެ ތެލުގެ ވަސީލަތްތަކަށްވެސް ހަމަލާދިންކަމަށް އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވެއެވެ. އަދި އިޒްރާއިލްގެ މި ހަމަލާތަކުގައި މަދުވެގެން 70 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 220 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އީރާނުގެ އިސް ފަރާތްތަކުން ބުނެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ބެރަލަކަށް 74.60 ޑޮލަރަށް އުފުލިފައިވެއެވެ. މިއީ އިޒްރާއިލުން ކުއްލި ހަމަލާ ދިން ދުވަހުގެ ކުރީ ދުވަހާ އަޅާބަލާއިރު 7 އިންސައްތައިގެ އިތުރުވުމެކެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރަނީ މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުން، ޚާއްސަކޮށް ހޯމުޒް ހަނިކަނޑާ ހިސާބުންނެވެ. މި ހަނިކަނޑަކީ އީރާނާއި ގަލްފް ގައުމުތައް ވަކިކުރާ، ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލުގެ ތިންބައިކުޅަ އެއްބައި ދަތުރުކުރާ މަގެވެ. ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 21 މިލިއަން ބެރެލްގެ ތެޔޮ މި މަގުން ދަތުރުކުރެއެވެ.
ގޯލްޑްމަން ސެކްސްގެ އަންދާޒާގައި، ނުރައްކާތެރި ހާލަތާ ގުޅިގެން ހޯމުޒް ހަނިކަނޑު ބަންދުކޮށްފިނަމަ، ތެލުގެ އަގު ބެރަލަކަށް 100 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް 1980 އިން 1988 އަށް ހިނގި އީރާން-އިރާގު ހަނގުރާމައިގައި ދެ ގައުމުން ވިޔަފާރި އުޅަނދުތަކަށް ހަމަލާދީފައިވާއިރު ހޯމުޒް ހަނިކަނޑު އޭރު މުޅިން ބަންދުކުރެވިފައެއް ނުވެއެވެ. މި ހަނިކަނޑު ބަންދުކުރުމަކީ އީރާނުގެ އަމިއްލަ ތެލުގެ އެކްސްޕޯޓަށްވެސް، ޚާއްސަކޮށް ޗައިނާއަށްކުރާ އެކްސްޕޯޓަށް ހުރަސްއެޅޭނެ ކަމެކެވެ.
ތެލުގެ އަގު މައްޗަށް ދިއުމުން، އުފެއްދުންތެރިކަމުގެ ޚަރަދުވެސް މައްޗަށްދެއެވެ. މިކަމުގެ އަސަރު އެންމެ ފަހުން ކުރަނީ ކަސްޓަމަރުންނަށެވެ. ޚާއްޞަކޮށް ކާބޯތަކެތި، އަންނައުނު އަދި ކެމިކަލް ފަދަ ހަކަތައަށް ބޮޑަށް ބަރޯސާވާ މުދަލުގެ އަގު މައްޗަށް ދެއެވެ. ހަނގުރާމައިގެ ހާލަތު ދެމިގެންދާނަމަ، ދުނިޔޭގެ ތެޔޮ އިމްޕޯޓްކުރާ ޤައުމުތަކުގައި އިންފްލޭޝަން މަތިވެ، އިޤްތިޞާދީ ދުވެލި ލަސްވެދާނެއެވެ. ކުރިއަށް ބަލާއިރު، އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް ސެންޓްރަލް ބޭންކުތަކަށް ލިބޭ ސިޔާސަތުތަކުގެ ފްލެކްސިބިލިޓީ ހަނިވާނެކަމަށް މަސްރަހު ތަޙްލީލުކުރާ ފަރާތްތަކުން އިންޒާރުދީފައިވެއެވެ.
ބޭންކް އޮފް އިންގްލޭންޑުން ޔުނައިޓެޑް ކިންގްޑަމްގެ ބޭސް އިންޓަރެސްޓް ރޭޓް 4.25 ޕަސެންޓަށް ދަށްކޮށްފައިވާއިރު، ޖެނުއަރީމަހު ވެރިކަމަށް އައުމަށްފަހު ޓްރަމްޕް ގިނަ ޤައުމުތަކަށް ކަނޑައެޅި ޓެރިފްތަކާ ގުޅިގެން ޔޫއެސް ފެޑެރަލް ރިޒާވްއިން ރޭޓްތައް ދަށްކުރުން ފަސްކޮށްފައިވެއެވެ.
ހުކުރު ދުވަހު އެސްއެންޑްޕީ 500 އަދި ނަސްޑެކް ކޮމްޕޯސިޓް އިންޑެކްސްތައް އެވަނީ 1.1 އަދި 1.3 ޕަސެންޓް ދަށްވެފައެވެ. މެދުއިރުމައްޗަށް ބަލާއިރު މިސްރުގެ އީޖީއެކްސް 30 އިންޑެކްސް އާދީއްތަ ދުވަހު 7.7 ޕަސެންޓް ދަށްވިއިރު، ޓެލް އަވީވް ސްޓޮކް އެކްސްޗޭންޖް 35 އިންޑެކްސް 1.5 ޕަސެންޓް ދަށްވިއެވެ. އަދި އިޒްރާއީލުގެ ހަމަލާތަކުގެ ޚަބަރާއެކު ޔޫރަޕުގެ އިކުއިޓީތައްވެސް ދަށަށް ދިޔައެވެ.
ފާއިތުވި ހަފްތާގެ ފަހުކޮޅު ޖަރުމަނުގެ ޑެކްސް އަދި ފްރާންސްގެ ސީއޭސީ 40 އެވަނީ 1.1 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެފައެވެ. ހުކުރު ދުވަސް ނިމުނުއިރު ޔޫކޭގެ އެފްޓީއެސްއީ 100 ވަނީ 0.5 ޕަސެންޓް ދަށްވެފައެވެ. ނަމަވެސް ބައެއް ޔޫކޭ ކުންފުނިތައް ކުރިއަރާފައިވެއެވެ.
ޑިފެންސް ކޮންޓްރެކްޓަރެއް ކަމަށްވާ ބީއޭއީ ސިސްޓަމްސް ހުކުރު ދުވަހު 3 ޕަސެންޓާ ގާތަށް މައްޗަށް ދިޔައެވެ. މިއީ ހަނގުރާމަވެރި ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުން ދައްކުވައިދޭ ކަމެކެވެ. އެމެރިކާގައި، ލޮކްހީޑް، ނޯތުރޮޕް ގުރުމަން އަދި އާރްޓީއެކްސް ފަދަ މިލިޓަރީ ސަޕްލަޔަރުންގެ ހިއްސާގެ އަގުވެސް މައްޗަށް ދިޔައެވެ.
އެހެން ތަންތާނގައި، ބީޕީ އަދި ޝެލްގެ އަގު މައްޗަށް ދިޔައެވެ. ބީޕީ 2 ޕަސެންޓާ ގާތަށް މައްޗަށް ދިޔައިރު ޝެލް 1 ޕަސެންޓާ ގާތްކުރާ މިންވަރަށް މައްޗަށް ދިޔައެވެ. ރަނުގެ އަގުވެސް ހުކުރު ދުވަހު 1 ޕަސެންޓާ ގާތަށް މައްޗަށް ގޮސް އައުންސަކަށް 3,426 ޑޮލަރަށްއެރިއެވެ. މިއީ، އޭޕްރީލްގައި އެރި ރެކޯޑު އަގާ ގާތްކުރާ އަގެކެވެ. އެ މަހު އައުންސަކަށް 3,500 ޑޮލަރަށް އަރާފައިވެއެވެ.
ހޯމަ ދުވަހު އިންވެސްޓަރުން "ރިސްކް-އޮފް ޕޮޒިޝަނިންގ" މަޑުމަޑުން ކުޑަކުރިއެވެ. ތެޔޮ އަދި ރަނުގެ އަގު ދަށަށް ދިޔައިރު ސްޓޮކް އަގުތައް ދިޔައީ މައްޗަށެވެ.
ގިނަ އެއަރލައިންތަކުން މެދުއިރުމަތީގެ ދަތުރުތައް ހުއްޓާލައި ނުވަތަ ކެންސަލްކޮށްފައިވާއިރު، ބައެއް ޤައުމުތަކުން އެއަރ ސްޕޭސް ބަންދުކޮށްފައިވެއެވެ. ހުއްޓާލައިފައިވާ އަދި އަލުން ރޫޓްކޮށްފައިވާ ބައެއް ދަތުރުތަކުގެ ލިސްޓަށް ބަލާލާއިރު، މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމިރޭޓްސްއިން ބުނެފައިވަނީ އިރާގު، ޖޯޑަން، ލުބްނާން އަދި އީރާނަށް ކުރާ ދަތުރުތައް ޖޫން 30 އާ ހަމައަށް ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން ލުބްނާނަށް ކުރާ ދަތުރުތައް ހުއްޓާލީ އާދީއްތަ ދުވަހާ ހަމައަށެވެ.
އިއްތިހާދު އެއަރވޭޒްއިން އަބޫދާބީ އަދި ޔައްފާއާއި ދެމެދު ކުރާ ހުރިހާ ދަތުރެއް އާދީއްތަ ދުވަހާ ހަމައަށް ކެންސަލްކޮށްފައިވެއެވެ. އެއަރލައިތަކުން އެހެން ގިނަ ދަތުރުތަކެއް އަލުން ރޫޓްކުރަމުންދާއިރު، ކަސްޓަމަރުންނަށް އެމީހުންގެ ދަތުރުތަކާ ބެހޭ އަޕްޑޭޓްތަކަށް މަޑުކުރުމަށް އަންގާފައިވެއެވެ.
ޤަތަރު އެއަރވޭސްއިން ވަނީ އިރާނު، އިރާގު އަދި ސީރިއާއަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ. އަދި ދަތުރުކުރާ ފަސިންޖަރުންނަށް ދަތުރުގެ ކުރިން އެމީހުންގެ ދަތުރުގެ ހާލަތު ބެލުމަށް އިރުޝާދު ދީފައިވެއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ރިޕޯޓްކޮށްފައިވަނީ، އިތުރު އެންގުމަކާ ހަމައަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު އިރާގުގެ ސަރުކާރުން ވެސް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެއަރޕޯޓުތަކުގެ ހުރިހާ ދަތުރުތަކެއް ހުއްޓާލައިފިކަމަށް ހުކުރު ދުވަހު ރިޕޯޓުކޮށްފައެވެ. އަދި އިރާގުގެ އިރުމަތީ ސަރަހައްދަކީ ދުނިޔޭގެ އެންމެ ބިޒީ އެއް ވައިގެ ކޮރިޑޯކަމަށްވާއިރު، އަބަދުވެސް އެތައް ގިނަ ފްލައިޓްތަކެއް ޔޫރަޕާއި ގަލްފް ސަރަހައްދާ ދެމެދު ދަތުރުކުރުމަށް އެ ސަރަހައްދު ބޭނުންކުރެއެވެ. އޭގެ ތެރެއިން ގިނަ ފްލައިޓްތަކަކީ އޭޝިއާއިން ޔޫރަޕަށް ދަތުރުކުރާ ފްލައިޓްތަކެވެ.
ޖޯޑަންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ސަރަހައްދުގައި ހިނގަމުންދާ ކަންކަން ގޯސްވަމުންދާތީ، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށް ޖޯޑަންގެ ވައިގެ ސަރަހައްދު "ވަގުތީގޮތުން" ބަންދުކޮށްފައިވާ ކަމަށެވެ.
ބޮޑެތި ގައުމުތަކަށް ހަނގުރާމައިގެ ސަބަބުން މިފަދަ އަސަރުތައް ކުރަމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ އިގުތިސާދަށްވެސް އަސަރުކުރާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ތެލުގެ އަގު ބޮޑުވެގެން ހިނގަައްޖެނަމަ ދަތުރުފަތުރުގެ ހަރަދުތައް މިހާރަށްވުރެވެސް ބޮޑުވެެގެންދާނެއެވެ.
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް އަސަރުކޮށްފައިވާއިރު، މަސްރަހު ދައްކާ ގޮތުން އީރާނާއި އިޒްރާއިލުން ވެސް އޮތީ ގޮތްދޫކޮށް ހަތިޔާރު ބަހައްޓާގޮތަކަށް ނޫނެވެ.