ޚަބަރު
"ގްލޯބަލް މާޗު ޓު ޣައްޒާ"އަށް ސަޕޯޓުކުރުމަށް ވެލިދޫގައި ހަރަކާތެއް ބާއްވައިފި

"ގްލޯބަލް މާޗު ޓު ޣައްޒާ"އަށް ސަޕޯޓުކުރުމަށް ވެލިދޫގައި ބޭއްވި ހަރަކާތުގެ ބައިވެރިން--
އެކި ގައުމުތަކުގެ އެކްޓިވިސްޓުން ބައިވެރިވެގެން ކުރިޔަށް ގެންދިޔަ "ގްލޯބަލް މާޗު ޓު ޣައްޒާ"އަށް ސަޕޯޓުކުރުމަށް އާދީއްތަ ދުވަހު ނ. ވެލިދޫގައި ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ވެލިދޫގެ ޒުވާނުންތަކެކެވެ.
"ގްލޯބަލް މާޗު ޓު ޣައްޒާ"ގެ ފެށުމަކީ ޓިއުނީޝިއާއެވެ. "ސުމޫދު ކޮންވޯއީ"ގެ ނަމުން އެ ހަރަކާތުގެ ބައިވެރިންގެ ދަތުރަށް ނަންދީފައިވާއިރު، މި ހަރަކާތުގެ ބޭނުމަކީ ފަލަސްތީނަށް ކާއެއްޗެތި އެތެރެކުރުމަށް އިޒްރޭލުން ހުރަސްއަޅާފައިވާތީ، އެ ހާލަތު ބަދަލުކުރުމަށް ޕްރެޝަރ ކުރުމެވެ.
އެގޮތުން މި ކޮންވޯއީގެ އަމާޒަކަށްވީ ޓިއުނީޝިއަށް ފަހު ލިބްޔާ ހުރަސްކޮށް މިސްރަށް ދަތުރުކުރުމެވެ. އަދި އެއަށްފަހު ރަފާހް ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަނުމެވެ.
މި މާޗަށް ސަޕޯޓުކުރުމުގެ ގޮތުން ވެލިދޫގައި ބޭއްވި ހަރަކާތުގައި ބައިވެރިވި ޒުވާނުން ތިބީ ފަލަސްތީނަށް އޮތް ސަޕޯޓު ރަމްޒުކޮށްދޭ ތަފާތު މެސެޖުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ.
"ފަރުދުން"އަށް މައުލޫމާތު ދެމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމުގައިވާ އިސްމާއިލް ފާއިޒް ބުނީ، އެ ހަރަކާތުން ރަމްޒުކޮށްދެނީ ވެލިދޫގެ އެއްބައިވަންތަކަން ކަމަށާއި، އަދި ފަލަސްތީނަށް ނަސްރު ހޯދައިދިނުމަށް ޒުވާނެއްގެ ހައިސިއްޔަތުން ކުރެވެން އޮތް ކަންކަން ކުރުމުގައި އެ ރަށުގެ ޒުވާނުން ފަސްނުޖެހޭނެކަން ކަމަށެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މި އަހަރު އޯލެވެލް ނިމުނު ގިނަ ކުދިންތަކެއް ހިމެނޭ ބުރުނުލާ އެފްސީ އާއި މައިންޑްފުލް ލިބަޓީ ގުޅިގެންނެވެ.
ޒުވާނުންތަކެއް އިސްކޮށް ހަރަކާތްތެރިވެ، ވިއްސާރަ ދުވަހެއް ނަމަވެސް ހަރަކާތް ކެންސަލް ނުކޮށް ކުރިޔަށް ގެންދިޔައީތީ އުފާކުރަން. މިއީ މި ޒުވާނުން މުޅި ރާއްޖެއަށް ދިން ވަރަށް ބޮޑު މެސެޖެއް. ސޯޝަލް މީޑިއާގެ ޒަމާނެއްގައި ޔަހޫދީންގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލުމަކީ އުނދަގޫކަމެއް ނޫން. މި ހަރަކާތުގެ އެއް މަގުސަދަކީ ވެސް އެއީ. ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މިފަދަ ކަންކަމުގައި ޒުވާނުން އަހުލުވެރި ކުރުވުން. އެގޮތުން މިކަމަށް ފޯކަސްކޮށް އަހަރެމެން ޕްރޮމޯޓުކުރާ ސްލޯގަންއަކީ "ތިންކް ގްލޯބަލީ، އެކްޓް ލޯކަލީ".
ޣައްޒާއަށް ސަޕޯޓުކޮށް އާންމު ގޮތެއްގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ މައިންޑްފުލް ލިބަޓީގެ އިސްމާއިލް ފާއިޒް ބުންޏެވެ.
ބޯ ވިއްސާރައިގެ ސަބަބުން ރޭވި ގޮތަށް ވެލިދޫގެ މަގުތަކުގައި މި ހަރަކާތް ކުރިޔަށް ނުގެންދެވުނު ނަމަވެސް، ފަލަސްތީނުގެ ދިފާއުގައި ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފައެވެ.
އިޒްރޭލުގެ ހައްދުފަހަނައެޅި ހަރަކާތްތަކާ ގުޅިގެން ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ އެތައްބަޔަކު އަންނަނީ ބަނޑުހައި ހޫނުކަމުގައި ޝަހީދުވަމުންނެވެ.
"ގްލޯބަލް މާޗު ޓު ޣައްޒާ"ގެ ނަމުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާލާއިރު، މި ސުލްހަވެރި ހަރަކާތަށް މިސްރުން ވަނީ މިދިޔަ ހުކުރު ދުވަހު ހުރަސްއަޅާފައެވެ. އެ ގައުމުން ބުނީ ހަރަކާތުގެ ބައިވެރިން ބޭނުންވާ ގޮތަށް އެކަން ނުކުރެވޭނެކަމަށާއި، އެއީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމުން، ހަމަޖައްސަންޖެހޭ ގިނަކަންކަން ހުންނާނެކަމަށެވެ.
އަދި އިހުތިޖާޖު ހުއްޓާލުމަށް ސުމުދު ކޮންވޯއީއިން ބޭނުންނުވުމުން، މިސްރުން ވަނީ އެއްބަޔަކު ހައްޔަރުކޮށް، އަނެއް ބަޔަކު ޑީޕޯޓުކޮށްފައެވެ.