ކުޅިވަރު
މުބާރާތުގެ ރެކޯޑަކާއެކު ބެޔާން މިއުނިކުން ކްލަބް ވޯލްޑް ކަޕް ފެށީ ވަރުގަދަކޮށް

ބެޔާންގެ ޖަމާލް މުސިއާލާ، ފޮތޯ: އޭއެފްޕީ
އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑު ކަޕްގެ ގްރޫޕް-ސީގައި ޖަރުމަނުގެ ބެޔާން މިއުނިކުން ނިއުޒީލޭންޑުގެ އޯކްލަންޑް ސިޓީ އެފްސީއާ ބައްދަލުކުރި މެޗުގައި މުބާރާތުގެ ރެކޯޑެއް ހަދައިފިއެވެ.
އެމެރިކާގެ ސިންސިނޭޓީގައި ހުންނަ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ނިއު ޒިލޭންޑްގެ ޗެމްޕިއަން ޓީމުގެ އިތުރުން އޯޝޭނިއާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އާ ދެކޮޅަށް ކުޅެ ބެޔާންއިން ކާމިޔާބުކުރީ 10-0 އިންނެވެ. މިއީ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޓީމަކުން ނެރުނު އެންމެ ފަރަގު ބޮޑު ނަތީޖާއެވެ.
އޯކްލަންޑު ޓީމުގެ ހާލަތަށް ބަލާއިރު ފާހަގަކޮށްލެވޭ ކަމަކީ، އެ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ޕާޓްޓައިމް ކުޅުންތެރިންނަށް ވުމެވެ. އަދި ކްލަބު ވޯލްޑް ކަޕަށް ބައެއް ކުޅުންތެރިން ދިޔައީ ޗުއްޓީ ނަގައިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މެޗުގެ ފުރަތަމަ ހާފު ބެޔާންއިން ނިންމާލީ 6 ގޯލުން ކުރީގައި އޮވެގެނެވެ. އެ ޓީމުން ލީޑު ނެގީ މެޗުގެ 6 ވަނަ މިނެޓުގައި ކިންގްލީ ކޯމަން ކާމިޔާބުކުރި ގޯލަކުންނެވެ. އެ ހާފުގައި ކޯމަން އިތުރު ގޯލެއް ވެސް ކާމިޔާބުކުރިއެވެ.
ފުރަތަމަ ހާފުގައި ދެން ގޯލުތައް ކާމިޔާބުކޮށްދިނީ ފްރާންސަށް ނިސްބަތްވާ ބެޔާންގެ ޑިފެންޑަރު ސަޗަ ބޮއޭ އާއި، ތޯމަސް މުލާއެވެ. މީގެ އިތުރުން މައިކަލް އޮލީސޭ ވެސް މި ހާފުގައި ދެ ގޯލު ކާމިޔާބުކުރިއެވެ.
ފަހު ހާފުގެ 61 ވަނަ މިނެޓުގައި ހެރީ ކޭންގެ ބަދަލުގައި ކުޅެން ނިކުތް ޖަމާލް މުސިއާލާ ވަނީ ހެޓްރިކެއް ހަދާފައެވެ. އޭނާގެ ފުރަތަމަ ގޯލު، ކުޅެން ނިކުތްތާ 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވާއިރު، އަނެއް ދެ ގޯލު ކާމިޔާބުކުރީ 73 ވަނަ މިނެޓާއި 84 ވަނަ މިނެޓުގައެވެ.
ބެޔާންގެ ފަހު ގޯލު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ މުލާއެވެ. މިއީ މި މެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ގޯލެވެ. އަދި މިއީ ބެޔާންއަށް އޭނާ ކާމިޔާބުކޮށްދިން 250 ވަނަ ގޯލު ވެސް މެއެވެ.
މި މުބާރާތުގެ ގްރޫޕް-ބީގައި ރޭ ޕެރިސް ސެންޓް-ޖަމެއިން (ޕީއެސްޖީ) އާއި އެތުލެޓިކޯ ބައްދަލުކޮށްފައިވެއެވެ. އެ މެޗު 4-0 އިން ކާމިޔާބުކުރީ ޕީއެސްޖީއެވެ.
މުބާރާތުގެ ތިން މެޗެއް މިރެ އާއި މާދަމާގެ ފަތިހު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޗެލްސީ އާއި ލޮސް އެންޖެލްސް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.