ކުޅިވަރު
ހޮންކޮންގުގައި ރާއްޖޭގެ ނެޓުބޯޅަ ޓީމުތަކުން ހޯދި ކާމިޔާބަށް ވަޒީރު މަރުހަބާ ދަންނަވައިފި

ރާއްޖޭގެ ނެޓުބޯޅަ ޓީމުތަކުން ހޯދި ކާމިޔާބަށް މަރުހަބާ ދެންނެވުމަށް ވަޒީރު ބޭއްވި ބައްދަލުކުރެއްވުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ހޮންކޮންގުގައި މި މަހު އޮތް ދެ މުބާރާތަކުން ރާއްޖޭގެ ސީނިއަރ ނެޓުބޯޅަ ޓީމާއި 21 އަހަރުން ދަށުގެ ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު މަރްހަބާ ދަންނަވައިފިއެވެ.
ރާއްޖޭގެ ސީނިއަރ ނެޓުބޯޅަ ޓީމުން ވާދަކުރީ ހޮންގކޮންގ ޗެލެންޖްކަޕް 25ގައެވެ. މި މުބާރާތުން އެ ޓީމު ވަނީ ރިހި މެޑަލް ހޯދާފައެވެ.
އަދި 21 އަހަރުން ދަށުގެ ޓީމު ވާދަކޮށްފައި ވަނީ ހޮންގކޮންގ ބައުހީނިއާ ކަޕުގައެވެ. ރާއްޖޭގެ ޓީމުން ވަނީ މި މުބާރާތުގެ ވެސް ލޯ މެޑަލް ހޯދާފައެވެ.
މި ޓީމުތަކުގެ ކުޅުންތެރިންނާއި، ކޯޗުންނާއި އަދި އޮފިޝަލުންނާއި ވަޒީރު ބައްދަލުކުރެއްވީ އިއްޔެއެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވާ ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާ ހޯދުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ނެޓުބޯޅަ ޓީމުތައް ހޯދި ކާމިޔާބީ ފާހަގަކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު އެ ޓީމުތަކާ ބައްދަލުކުރެއްވުން، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ރާއްޖޭގެ ސީނިއަރ ޓީމު ވާދަކުރި ހޮންގކޮންގ ޗެލެންޖްކަޕް 25 ކުރިޔަށް ދިޔައީ މި މަހުގެ 5-8 އަށެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންކޮންގުގެ ޓީމެވެ. ހޮންގކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިން ހަތަރުވަނަ ޓީމެވެ.
ޒުވާން ޓީމު ލޯ މެޑަލް ހޯދީ ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހުއެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންކޮންގް، ޗައިނީޒް ޓައިޕޭ އަދި އިންޑިއާއެވެ.