ޚަބަރު
ޖެމްކިއުއަކީ ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ސްކީމެއް ނޫން: ފުލުހުން

ޖެމްކިއު އެޕްލިކޭޝަންގެ ގްރިޑް ޓްރޭޑުކުރާ ސްކްރީން ---
ޖެމްކިއު ނުވަތަ ޖީ.އެމް.ސީ.އީ.އަކީ ގާނޫނީ ހަމަތަކުގެ މަތިން ހިންގާ ސްކީމެއް ނޫންކަމަށާއި އެއީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަމުގައި ދިވެހި ފުލުހުން ހިދުމަތުން ބުނެފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ، އިންވެސްޓްމެންޓު ފަންޑު ރެޖިސްޓަރކޮށް ހިންގުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، މިފަދަ އިންވެސްޓުމެންޓު ސްކީމްތައް ހިންގޭނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.)ގައި ރެޖިސްޓަރކޮށް ހުއްދަ ލިބިގެންކަމަށެވެ.
އަދި ބުރަ މަސައްކަތުން ހޯދުމަށްފަހު ރައްކާކޮށްފައި ހުންނަ ފައިސާ މިފަދަ ސްކީމްތަކަށް އިންވެސްޓުކުރުމުގެ ސަބަބުން ގެއްލުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓުނުކުރުމަށް ފުލުހުންނާއި ސީ.އެމް.ޑީ.އޭ.އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ މުވައްސަސާ އާއި ސީ.އެމް.ޑީ.އޭ. ގުޅިގެން، ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ސްކީމް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ސްކީމް ހިންގައި، ޕްރޮމޯޓުކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމަށް ޝާމިލްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓު އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
ފުލުހުންގެ ބަޔާނުގައި ވެއެވެ.
ޖެމްމިއު ނުވަތަ ޖީ.އެމް.ސީ.އީ.އަކީ ރާއްޖޭގައި މިހާރު ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ. މި ޕްލެޓުފޯމުގައި ކްރިޕްޓޯ ކަރަންސީ އިންވެސްޓުކޮށްގެން އެކި ލެވެލްތަކުގައި ލިބޭ ފައިދާގެ އިންސައްތަ ތަފާތެވެ. އަދި އެމީހެއްގެ ރިފަރަލްގެ ދަށުން ގިނަ މީހުން ވެއްދިވަރަކަށް، ލެވެލް މަތިވުމަށް އެހީތެރިވެދެއެވެ. މިފަދަ އެޕްލިކޭޝަންތަކުން ލިބޭ ކްރިޕްޓޯ ނަގައިގެން ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ މިހާރު ދިވެހިންނަށް ފަރިތަކަމަކަށްވެއްޖެއެވެ.