ކުޅިވަރު

އޭޝިއާ ކަޕް ކޮލިފައިންގެ ފިރިހެން ޑިވިޝަންގެ ލޯ މެޑަލް ބަނގުލަދޭޝްއިން ހޯދައިފި

އޭޝިއާ ކަޕް ކޮލިފައިންގެ ފިރިހެން ޑިވިޝަންގެ ލޯ މެޑަލް ބަނގުލަދޭޝްއިން ހޯދައިފި

އޭޝިއާ ކަޕް ކޮލިފައިންގެ ފިރިހެން ޑިވިޝަންގައި ބަނގުލަދޭޝްއާ ދިވެހިރާއްޖެ ބައްދަލުކުރި މެޗު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

15 ޖޫން 2025، 07:32

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ ފިރިހެން ޑިވިޝަންގެ ތިންވަނަ ހޮވާ މެޗުގައި ދިވެހިރާއްޖެ ބަލިކޮށް ބަނގުލަދޭޝްއިން ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ކުޅިވަރު އެކުވެނީގައި މިއަދު މެންދުރުފަހު ކުޅުނު މި މެޗު ބަނގުލަދޭޝްއިން ކާމިޔާބުކުރީ 75-42 ޕޮއިންޓުންނެވެ.

ލީގު ބުރުގެ ފަހު މެޗުގައި މި ދެ ޓީމު ރޭ ބައްދަލުކޮށްފައިވާއިރު، އެ މެޗު ވެސް ކާމިޔާބުކުރީ ބަނގުލަދޭޝްއެވެ. ނަމަވެސް އެއީ 9 ޕޮއިންޓުގެ ފަރަގަކުން، 64-55 ޕޮއިންޓުންނެވެ. މިއަދުގެ މެޗު ރާއްޖެއަށް ގެއްލުނީ 33 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. 

ރޭގެ މެޗެކޭ އެއްގޮތަށް، މި އަދުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ވެސް ރާއްޖޭގެ ޓީމުން ލީޑު ނެގިއެވެ. ނަމަވެސް ބަނގުލަދޭޝްގެ ވަރުގަދަ ކުޅުމާއެކު އެ ކުއާޓާ ނިންމާލީ 20-11 އިން އެ ޓީމު ކުރީގައި އޮވެގެނެވެ. 

މެޗުގެ ދެވަނަ ކުއާޓާ ބަނގުލަދޭޝްއިން ކާމިޔާބުކުރީ 11 ޕޮއިންޓުގެ ފަރަގަކާއެކު 38-27 ޕޮއިންޓުންނެވެ. 

ދެވަނަ ހާފުގައި ބަނގުލަދޭޝްއިން ބަދަލުތަކެއް ގެނައި ނަމަވެސް، ތިންވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އެ ކުއާޓާ ނިމުނީ7 ޕޮއިންޓުގެ ފަރަގަކުން، 44-37 ޕޮއިންޓުންނެވެ. 

ފަހު ކުއާޓާގައި ރާއްޖޭގެ ޓީމުން ފެނުނު ވަރުބަލިކަމާއެކު، ބަނގުލަދޭޝްއިން ވަނީ ގިނަ ޕޮއިންޓުތަކެއް ހޯދާ، މެޗު ޔަގީންކޮށްފައެވެ. އެގޮތުން އެ ކުއާޓާގައި އެ ޓީމުން ވަނީ 31 ޕޮއިންޓު ހޯދާފައެވެ. އަދި ރާއްޖެއަށް ހޯދުނު 5 ޕޮއިންޓާއެކު މެޗު ނިމުނީ 75-42 ޕޮއިންޓުން، ބަނގުލަދޭޝް ލޯ މެޑަލް ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އިޔަލް އަބްދުލް ނަޝީދު ވަނީ 4 ރީބައުންސް ނަގާ 2 އެސިސްޓްކޮށް 05 ޕޮއިންޓް ހޯދައިދީފައެވެ. ބަންގަލަދޭޝްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމްޑީ އަފްރީދީއެވެ. އޭނާ ވަނީ 11 ރީބައުންސް ނަގާ 4 އެސިސްޓް ކޮށްދިނުމަށްފަހު 24 ޕޮއިންޓު ކާމިޔާބު ކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS