ކުޅިވަރު
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފަޔާސްއިން ރާއްޖޭގެ އަންހެން ޓީމު ބްރޯންޒު މެޑަލް ހޯދައިފި

އޭޝިއާ ކަޕް ކޮލިފަޔާސްގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފަޔާސްއިން ރާއްޖޭގެ އަންހެން ބާސްކެޓު ބޯޅަ ޓީމު ބްރޯންޒު މެޑަލް ހޯދައިފިއެވެ.
މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި މިއަދު މެންދުރު ރާއްޖެއިން ނިކުތީ ބަނގުލަދޭޝްއާ ދެކޮޅަށެވެ. އަދި އެ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް، ރާއްޖެއިން ކޮލިފައިންގައި ބްރޯންޒު ހޯދީ 86-22 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާ ރާއްޖެއިން ނިންމާލީ ބަނގުލަދޭޝްއަށް އެއްވެސް ޕޮއިންޓެއް ނުދީއެވެ. އަދި ރާއްޖެއިން ވަނީ އެ ކުއާޓާގައި 23 ޕޮއިންޓު ސްކޯރކޮށްފައެވެ.
ދެވަނަ ކުއާޓާގައި ރާއްޖެއިން 38 ޕޮއިންޓު ހަމަކުރިއިރު ބަނގުލަދޭޝްއަށް ހޯދުނީ އެންމެ ޕޮއިންޓެކެވެ.
އެއަށްފަހު ތިންވަނަ ކުއާޓާ 56-9 ޕޮއިންޓުން ނިމުނުއިރު، ބަނގުލަދޭޝްއިން އެންމެ ގިނަ ޕޮއިންޓު ސްކޯރ ކުރީ ފަހު ކުއާޓާގައެވެ. ފަހު ކުއާޓާގައި އެ ޓީމުން ހޯދި 13 ޕޮއިންޓާއެކު، މެޗު ނިމުނީ 86-22 ޕޮއިންޓުންނެވެ.
Maldives U16 girls team defeated Bangladesh and secured bronze medal 🥉at the FIBA U16 Women's Asia Cup SABA Qualifiers. pic.twitter.com/VZ8r0Ttzq8
— Ministry of Sports, Fitness and Recreation (@MoSFR_mv) June 15, 2025
މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 30 ޕޮއިންޓް ހޯދައިދިން މަރިޔަމް ކައިލީން ޝިރުހާންއެވެ.
މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ ރާއްޖެއެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކޮށްފައި ވަނީ 104-17 ޕޮއިންޓުންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ އިންޑިއާއާއި ސްރީލަންކާއެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ.