ޚަބަރު
ރާއްޖޭގައި ހިޖާމިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ލިބޭނެ ޕްރޮފެޝަނަލް ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

މިއީ އެވިސެނާ އެކަޑެމީއިން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ކޯސް ---
ދިވެހިރާއްޖޭގައި ހިޖާމިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ސިއްޙީ ވުޒާރާއާއި އެލައިޑް ހެލްތު ކައުންސިލުން ލިބޭނެ ޕްރޮފެޝަނަލް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެއް މަސްދުވަހުގެ މުއްދަތަށް މެލޭޝިއާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަކީ އެވިސެނާ އެކަޑެމީ މޯލްޑިވްސްއިން އިންތިޒާމުކުރާ ކޯހެކެވެ. އެވިސެނާ އެކަޑެމީ މޯލްޑިވްސް އަކީ އެވިސެނާ އެކަޑެމީ މެލޭޝިއާގެ އެފިލިއޭޓެކެވެ.
އެ އެކަޑެމީއިން ހާމަކޮށްފައިވާ ގޮތުގައި، މި ކޯހުގައި އޮންލައިން ސެޝަންތަކެއް ނުހިމެނޭނެއެވެ. އެހެންކަމުން ކޯސް ފުރިހަމަ ކުރެވޭނީ މެލޭޝިއާއަށް ގޮސް، ކްލާހަށް ހާޒިރުވެގެނެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފީއަކީ 2،000 އެމެރިކާ ޑޮލަރެވެ. އަދި އިދާރީ ފީއެއްގެ ގޮތުގައި 200 ރުފިޔާ ދައްކަންޖެހެއެވެ. އެވިސެނާ އެކަޑެމީ މޯލްޑިވްސް އިން ހާމަކުރާ ގޮތުގައި، ކޯހުގެ ފީ ދިވެހި ރުފިޔާއިން ދެއްކޭނެއެވެ. އަދި ބައިވެރީންގެ ޓިކެޓާއި، ހުރުމާއި ކެއުމުގެ ހަރަދު އަމިއްލައަށް ހަމަޖައްސަން ޖެހުނަސް، އެކޮމޮޑޭޝަން ހޯދުމާއި، ޓިކެޓު ނެގުން ފަދަ ކަންކަމުގައި އެ އެކަޑެމީގެ އެހީތެރިކަން ލިބޭނެ ކަމުގައި ވަނީ ހާމަކޮށްފައެވެ.
އެވިސެނާ އެކަޑެމީއިން މީގެކުރިން ވަނީ ވަކިވަކި ދިވެހިންނަށާއި، ދިވެހިންގެ ގްރޫޕްތަކަށް މެލޭޝިއާގައި މި ކޯސް ހިންގައިދީފައެވެ. އަދި މީގެ ތެރެއިން ގިނަ ފަރާތްތަކަކީ މިހާރު ދިވެހިރާއްޖޭގައި ހިޖާމާގެ ފަރުވާ ދެމުން އަންނަ ފަރާތްތަކެވެ. މި ފަރާތްތަކުގެ ތެރޭގައި ދިވެހި ގިނަބަޔަކު ދަންނަ ފަރާތްތައް ވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.
މި ފަހަރުގެ ކޯހަކީ އާންމުންނަށް ރަސްމީކޮށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ކޯހެވެ. އެހެންކަމުން މިއީ ހިޖާމާ ޖަހަން ދަސްކުރުމަށާއި މި ފަރުވާ އެހެންމީހުންނަށް ދޭން ފެށުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ރަނުގެ ފުރުސަތެކެވެ. އަދި މި ކޯސް ފުރިހަމަކޮށްގެން ލިބޭ އެންމެ ބޮޑު ފައިދާއަކީ، ހިޖާމާ ޖެހުމުގެ ހުއްދަ ލިބޭ ކޯސްތަކުގެ ތެރޭގައި ސިއްހީ ވުޒާރާއިން މިކޯސް ހިމަނާފައިވުމެވެ.
އޯގަސްޓް 1ގައި ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު، މި މަހު 30 ވަނަ ދުވަހުގެ ނިޔަލަށް ކޯހުގަ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކޯހުގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ބައިވެރިވެވޭނެކަމަށް އެވިސެނާ އެކަޑެމީއިން ވަނީ ހާމަކޮށްފައެވެ. އަދި އިނގިރޭސި ބަހުން މުއާމަލާތުކޮށް، ލިޔަން ކިޔަން ދަންނަ، ކޮމްޕިއުޓަރ ނުވަތަ ލެޕްޓޮޕް ބޭނުންކޮށްގެން އެސައިންމަންޓްތައް ހެދުމުގެ ގާބިލުކަން ހުރި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވެސް އެ އެކަޑެމީއިން ވަނީ ހާމަކޮށްފައެވެ.