Ads by Stelco

ޚަބަރު

ސްކޭމްތަކާ ދެކޮޅަށް ހިންގި ފުރަތަމަ ބައިނަލްއަގުވާމީ އޮޕަރޭޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

ސްކޭމްތަކާ ދެކޮޅަށް ހިންގި ފުރަތަމަ ބައިނަލްއަގުވާމީ އޮޕަރޭޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

އޮޕަރޭޝަން ފްރަންޓިއަރ+ އިން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުން ---

15 ޖޫން 2025، 09:25

ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފުރަތަމަ އޮޕަރޭޝަންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތަކުން ގުޅިގެން، ފްރަންޓިއަރ+ ގެ ނަމުގައި އެޕްރީލް 28 އިން މެއި 28 އަށް ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެފައިވެއެވެ. މި އޮޕަރޭޝަންގައި މަސައްކަތްކޮށްފައިވަނީ ބައިނަލްއަގުވާމީ ސްކޭމްތައް ހުއްޓުވުމަށެވެ. އަދި މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ. 

އެގޮތުން ފްރޮންޓިއަރ+ އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އަދި އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ.

މުޅި އޮޕަރޭޝަނުގައި، ޖުމްލަ 9،268 މައްސަލަ މި އޮޕަރޭޝަނުގައި ތަހުގީގުކޮށްފައިވާއިރު، މި މައްސަލަތަކާ ގުޅިގެން 308 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި 32،607 ބޭންކު އެކައުންޓެއް ފްރީޒްކޮށްފައިވާއިރު، މުޅި އޮޕަރޭޝަނުގައި އެކިގައުމުތަކުން 2،784 ޕޮލިހުން ވަނީ ބައިވެރިވެ، މި މައްސަލަތަކާ ގުޅިގެން 33،991 މީހުނާ އިންޓަވިއުކޮށްފައިވެއެވެ. 

މީގެ އިތުރުން ޖުމްލަ 1،858 މީހުން ހައްޔަރުކުރެވުނުއިރު، 19.4 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިފަހައްޓާފައިވެއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 14 އަހަރާއި 81 އަހަރުގެ މީހުންކަމަށް ހާމަކޮށްފައިވެއެވެ.

ސިންގަޕޫރުގެ އެންޓި-ސްކޭމް ސެންޓަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަންގައި ދިވެހިރާއްޖޭގެ އިތުރުން ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ އަދި މަކާއޯ ހިމެނެއެވެ.

މި ގައުމުތަކުން އެކުވެގެން އުފައްދާފައިމިވާ ނެޓުވޯކުގެ ބޭނުމަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް އެކުލަވާލުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި ކުރިއަށްއޮތް ތަނުގައި އެންޓި-ސްކޭމް އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.

އޮޕަރޭޝަން ފްރަންޓިއަރ+ އަށްފަހު އެ އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރުމަށް ހޮންގްކޮންގުގައި މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. 

މި އޮޕަރޭޝަނާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ، ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށް ފާހަގަކޮށްފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS