ކުޅިވަރު

އޭޝިއާ ކަޕް ސާބާ ކޮލިޕައިން: ވާދަވެރި ކުޅުމަކަށްފަހު ފިރިހެން ޓީމަށް ފަހު މެޗު ވެސް ގެއްލިއްޖެ

އޭޝިއާ ކަޕް ސާބާ ކޮލިޕައިން: ވާދަވެރި ކުޅުމަކަށްފަހު ފިރިހެން ޓީމަށް ފަހު މެޗު ވެސް ގެއްލިއްޖެ

އޭޝިއާ ކަޕް ސާބާ ކޮލިޕައިންގެ ލީގު ބުރުގައި ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

15 ޖޫން 2025، 07:18

16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިޕައިންގެ ލީގު ބުރުގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމު ކުޅުނު ފަހުން މެޗު ވެސް ގެއްލިއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނު ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. އަދި މެޗު ގެއްލިފައިވަނީ ވެސް ހަނި ސްކޯރއަކުން، 64-55 ޕޮއިންޓުންނެވެ.

މި މެޗަށް ނިކުތްއިރު، ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ދެ ޓީމު އޮތީ ބަލިވެފައެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކުންނެވެ. އެހެންކަމުން މިއީ ތިންވަނަ ހޮވާ މެޗުގެ ކުރިން މި ދެ ޓީމު ފަރިތަވެލުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޓީމުން ލީޑު ނަގާފައިވެއެވެ. ނަމަވެސް އެ ކުއާޓާ 20-14އިން ކާމިޔާބުކުރީ ބަނގުލަދޭޝްއެވެ. ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި ނިންމާލުންތައް ރަގަޅުނަމަ، ލީޑު ނެގޭނެ ފުރުސަތުތައް ދިވެހި ޓީމުން ތަނަވަސްކުރިތަން ފެނުނެވެ. މި ކުއާޓާ ނިމުނީ 28-24އިން ބަނގުލަދޭޝް ކޮޅަށެވެ.

އަދި ތިން ވަނަ ކުއާޓާ 7 ޕޮއިންޓުގެ ފަރަގެއްގައި، 40-47 އިން ބަނގުލަދޭޝް ކުރީގައި އޮވެ ނިންމާލިއިރު، މެޗު ނިމުނީ 9 ޕޮއިންޓުގެ ފަރަގަކާއެކު 64-55 ޕޮއިންޓުންނެވެ.



މި މެޗުގައި ރާއްޖޭގެ ޔޫސުފް ކައިލް މުހައްމަދު ވަނީ 10 ޕޮއިންޓް ހޯދައިދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ބަނގަލަދޭޝްއަށް 24 ޕޮއިންޓު ހޯދައިދިން ކަރިމް ކަރިމްއެވެ. މި މެޗުގައި ބަނގުލަދޭޝްއަށް އެންމެ ގިނަ ޕޮއިންޓު ހޯދީ ވެސް އޭނާއެވެ.

މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި މި ދެ ޓީމު ބައްދަލުކުރާއިރު، އެ މެޗު އޮންނާނީ މިއަދު މެންދުރުފަހު 14:30ގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS