ކުޅިވަރު
އިންޑިއާ މެޗުން ބަލިވެ ޒުވާން އަންހެން ޓީމަށް ފައިނަލުން ޖާގައެއް ނުލިބުނު

އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން އަންހެން ޓީމު ކުޅުނު ތިން ވަނަ މެޗުން ބަލިވެ، ފައިނަލުގެ ޖާގަ ގެއްލިއްޖެއެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 136-21 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާއިން ފެށިގެން އިންޑިއާ ވަނީ އެ ޓީމުގެ ކޮޅަށް މެޗު އަނބުރާލާފައެވެ. އެގޮތުން ފުރަތަމަ ކުއާޓާ އިންޑިއާއިން ކާމިޔާބުކުރީ 36-2 ޕޮއިންޓުންނެވެ. އިންޑިއާއިން ދެވަނަ ކުއާޓާގައި 38 ޕޮއިންޓު ހޯދިއިރު ރާއްޖެއަށް ހޯދުނީ 5 ޕޮއިންޓެވެ. ތިންވަނަ ކުއާޓާ އާއި ހަތަރު ވަނަ ކުއާޓާގައި އިންޑިއާއިން 31 ޕޮއިންޓު ސްކޯރކުރިއިރު ރާއްޖެއަށް އެ ދެ ސެޓުގައި ހޯދުނީ 6 ޕޮއިންޓާއި 8 ޕޮއިންޓެވެ.
Brave effort by the girls against the top ranked team of the region.#FIBAU16ASIACUPSABAQUALIFIERS pic.twitter.com/8c5TR7c7EO
— Ministry of Sports, Fitness and Recreation (@MoSFR_mv) June 14, 2025
ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 7 ޕޮއިންޓް ހަމަކުރި މަރިޔަމް މަލަކާ އިބްރާހިމްއެވެ.
އިންޑިއާ އަތުން ބަލިވުމާއެކު ރާއްޖެ ދެން ކުޅެން ޖެހޭނީ ތިން ވަނަ ހޮވާ މެޗުގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗު އޮންނާނީ މިއަދު މެންދުރު 12:00 ގައެވެ.
ރާއްޖޭގެ ޒުވާން ޓީމުން މި މުބާރާތުގެ ލީގު ބުރުގައި ވަނީ ބަނގުލަދޭޝް ބަލިކޮށްފައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ބައްދަލުކުރާނީ އިންޑިއާއާއި ސްރީލަންކާއެވެ. މި މެޗު އޮންނާނީ މިއަދު ހަވީރު 17:30 ގައެވެ.