ކުޅިވަރު / ދުނިޔެ

އިނގިރޭސި ރަސްގެފާނުގެ އެންމެ ޝަރަފުވެރި ލަގަބު ބެކަމްއަށް އަރުވައިފި

އިނގިރޭސި ރަސްގެފާނުގެ އެންމެ ޝަރަފުވެރި ލަގަބު ބެކަމްއަށް އަރުވައިފި

ޑޭވިޑް ބެކަމް އާއި އިނގިރޭސި ރަސްގެފާނު، ފޮޓޯ: ގެޓީ އިމޭޖަސް

15 ޖޫން 2025، 06:22

އިނގިރޭސި ރަސްގެފާނު، ޗާލްސް ތިނެއްގެ އެންމެ ޝަރަފުވެރި "ނައިޓްހުޑް" ލަގަބު ޑޭވިޑް ބެކަމްއަށް އަރުވައިފިއެވެ. ބެކަމްއަށް މި ޝަރަފު އެރުވީ، ކުޅިވަރުގެ ދާއިރާ އާއި އިޖުތިމާއީ ގޮތުން އޭނާ ކޮށްފައިވާ އަދި ކުރަމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މި ޝަރަފާއެކު، ބެކަމްގެ ނަމުގެ ކުރިޔަށް "ސާރ" އިތުރުވާނެއެވެ. އެހެންކަމުން، ދެން އޭނާއާ މުހާތަބު ކުރެވޭނީ "ސާރ ޑޭވިޑް ބެކަމް"ގެ ނަމުންނެވެ. 

އުމުރުން 50 އަހަރުގެ ބެކަމްއަށް 2003 ވަނަ އަހަރު ވަނީ ރަސްގެފާނު އަރުވާ ތިން ވަނައަށް އެންމެ މަތީ ޝަރަފު ކަމުގައިވާ "އޮފިސާރސް އޮފް ދަ ބްރިޓިޝް އެމްޕަޔަރ (އޯބީއީ)" ވެސް އަރުވާފައެވެ. 

ބެކަމް ވަނީ އިނގިރޭސި ގައުމީ ޓީމަށް 115 މެޗު ކުޅެދީފައެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން ވިދާލުމަށްފަހު، ރެއާލް މެޑްރިޑް، އެލްއޭ ގެލެކްސީ، ޕީއެސްޖީ އަދި އޭސީ މިލާނަށް ކުޅެފައިވާ ބެކަމް ފުޓުބޯޅައިން ރިޓަޔަރކުރީ 2013 ވަނަ އަހަރެވެ. އަދި އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި 59 މެޗު ކުޅެފައެވެ.

މި ޝަރަފު ލިބުމާ ގުޅިގެން ބެކަމް ބުނީ، އޭނާގެ މަންނަ އާއި ބައްޕަގެ އިތުރުން މާމަ އާއި ކާފައަކީ ވެސް ގައުމުދެކެ އިންތިހާއަށް ލޯބިވާ ބައެއްކަމުން، "ނައިޓްހުޑް" ޝަރަފު ލިބުމަކީ އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު އަފަލެއް ކަމަށެވެ. އަދި އޭނާ ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށްފައިވާ ކަމުގެ އިހުސާސް ކުރެވުމަކީ، ލިބުނު ބޮޑު ހިންހަމަޖެހުމެއްކަން ފާހަގަކުރިއެވެ.

2012 ވަނަ އަހަރުގެ އޮލިމްޕިކްސް ކާމިޔާބުކުރުމުގައި ބެކަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އޭނާއަކީ ޔުނިސެފްގެ އެމްބެސެޑަރެކެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ފެށިގެން އޭނާއަކީ "ދަ ކިންގް ފައުންޑޭޝަން"ގެ ވެސް އެމްބެސެޑަރެކެވެ. މި ފައުންޑޭޝަނުން އަންނަނީ ގުދުރަތީ ކަންކަމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ތައުލީމީ ޕްރޮގްރާމްތައް ހިންގަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS