ޚަބަރު
ހިމާޔަތްކޮށްފައިވާ ތަންތަން ފަތުރުވެރިންނަށް ހުޅުވާލުމަށް ދަނީ މަސައްކަތް ކުރެވެމުން: ވަޒީރު ޠާރިގު

ހިމާޔަތްކޮށްފައިވާ އައްޑޫ ނޭޗަރ ޕާކް، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ހިމާޔަތްކޮށްފައިވާ ތަންތަން ފަތުރުވެރިންނަށް ހުޅުވާލައި، އެ ތަންތަނުން އިތުރު ނަފާ ހޯދޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް"އަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓަން ފަށައި، އެ ތަންތަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަތުރުވެރިންނަށް ލިބެން ފެށުމުން، އެ ތަންތަނުން ނަފާ ލިބެން ފަށާނެކަމަށެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 93 ސަރަހައްދެއް އޮތް ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެމުން ދަނީ 5 ސަރަހައްދެވެ. ވަޒީރު ވިދާޅުވީ، މި ތަންތަނުން ނަފާ ހޯދޭނީ ހުރިހާ ސަރަހައްދެއް ވެސް ރަގަޅަށް ބަލަހައްޓަން ފެށުމުންކަމުގައެވެ. އެހެންކަމުން އެ ކަމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
"3 ބަޔޮސްފިއަރ ރިޒާވް ހިމެނޭ. އެއީ އައްޑޫ ނޭޗަރ ޕާކްއާއި ފުވައްމުލައް ނޭޗަރ ޕާކު އަދި ބާ އަތޮޅު ނޭޗަރ ޕާކު. އަދި އޭގެ އިތުރަށް ސައުތް އަރިއެޓޯލް މެރިން ޕްރޮޓެކްޓެޑް އޭރިޔާ. ދެން އަޅުގަނޑުމެން ޅ. އަތޮޅު ބަޔޮސްފިޔާރ ރިޒާވްއެއްގެ ގޮތުގައި ހެދުމަށް މިދަނީ މަސައްކަތް ކުރަމުން. މިތަންތަނުގެ އިތުރުން ދެން ހުރި ހުރިހާ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތެއްކަމަކު ނުބެލެހެއްޓޭ ތަންތަން. މިތަންތަން ބެލެހެއްޓުމުގެ ކަންތައްތަކެއް އެބަ ރާވަން ޖެހޭ. މިތަންތަނުން ނަފާ ލިބޭނޭ ގޮތް ހަދަން ޖެހޭ. އަޅުގަނޑުމެން ފަހުރުވެރިވާ ތަންތަނުގެ ގޮތުގައި ބޭރުގެ ފަރާއްތަކަށް އެތަންތަން ދެއްކޭނެ ގޮތް ހަދަން އެބަޖެހޭ" ވަޒީރު ޠާރިގު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަން ބަލާލަން އަންނަ މީހުންކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގުތުރަތީ ރީކަން ބޭނުންކޮށްގެން ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެ ފުރުސަތު އޮތްކަން ވަޒީރު ފާހަގަކުރެއްވެވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކޮށް އިތުރު 3 ބަޔޯސްފިއަރ ރިޒާވް ގާއިމުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.