ވިޔަފާރި / ޚަބަރު

ބޭނުންކުރެވޭ ރިޒާވަށް މިދިޔަ މެއި މަހު 46 މިލިއަން ޑޮލަރުގެ ކުރިއެރުމެއް

ބޭނުންކުރެވޭ ރިޒާވަށް މިދިޔަ މެއި މަހު 46 މިލިއަން ޑޮލަރުގެ ކުރިއެރުމެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ފޮޓޯ: ޕީއެސްއެމް

14 ޖޫން 2025، 01:51

ކުރީ މަހާ އަޅާބަލާއިރު މިދިޔަ މެއި މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރި މިންވަރަށް، 46 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، އެޕްރީލް މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 171.3 މިލިއަން ޑޮލަރެވެ. އަދި 46.88 މިލިއަން ޑޮލަރުގެ ކުރިއެރުމާއެކު، މި އަހަރު ފުރަތަމަ 5 މަސް ނިމުނުއިރު، މި އަދަދު ވަނީ ޖުމްލަ 217.88 މިލިއަން ޑޮލަރަށް އުފުލިފައެވެ.

ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައިވީނަމަވެސް، ރަސްމީ ރިޒާވް ވަނީ މެއި މަހު ދަށްވެފައެވެ. އެގޮތުން އޭޕްރީލް މަހު ރަސްމީ ރިޒާވްގައި 865.34 މިލިއަން ޑޮލަރު ހުރިއިރު، މި އަދަދު ވަނީ 815.82 މިލިއަން ޑޮލަރަށް މެއި މަހު ދަށްވެފައެވެ. މިއީ %5 ގެ ދަށްވުމެކެވެ. 

އެމްއެމްއޭގެ ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައިވާއިރު، ދިވެހި ސަރުކާރުން ދަނީ ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން މި އަހަރު ގާނޫނީ ގޮތުން ލާޒިމްކޮށްފައިވެއެވެ. މީގެ ތެރެއިން 60 އިންސައްތަ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. އަދި މި އަދަދު މި މަހުން ފެށިގެން 90 އިންސައްތައަށް އިތުރުކުރުމަށް ގަވާއިދަށް ވަނީ ބަދަލުގެނަސްފައެވެ. 

ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާއިރު، ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ބަދަލު ނުގެނަސް، މިހާރު އޮތް ސީސީ ރޭޓިންގައި ދަމަހައްޓާފައެވެ. މީގެ ކުރިން ރޭޓިންއަށް ބަދަލު ގެނަސްފައިވާ އެއް ސަބަބުގެ ގޮތުގައި ބައިނަލްއަގްވާމީ ފަރާތްތަކުން ފާހަގަކޮށްފައިވަނީ ދައުލަތުގެ ރިޒާވަށް ހުރި ގޮންޖެހުންތަކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS