ކުޅިވަރު
ޖޯޑަންގައި އޮންނަ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓެނިސް ޓީމު ފުރައިފި

ޖޯޑަންގައި އޮންނަ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރާ ދިވެހި ޓީމު ---
ޖޯޑަންގައި މި މަހުގެ 16ގައި ފަށާ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓެނިސް ޓީމު ބުރާސްފަތި ދުވަހު ފުރައިފިއެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓެނިސް ޓީމުގައި ހިމެނެނީ އާރާ އާސަލް އާޒިމް، ނަބާ ނިޝާން، ނަޔާރާ އުސާމާ އަލީ އަދި އާއިޝަތު ކަރިން ސައިޒާންއެވެ. އަދި ޓީމަށް އިރުޝާދުދެމުން އަންނަނީ އީރާނުގެ ތަޖުރިބާކާރު ކޯޗު އަލީ ރިޒާއެވެ.
މި މުބާރާތުގައި މިދިޔަ އަހަރު ވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. އެ ފަހަރުގެ މުބާރާތުގައި 16 ގައުމަކާ ވާދަކޮށް ރާއްޖެއިން ވަނީ މުބާރާތުގެ ހަވަނަ ހާސިލުކޮށްފައެވެ.
މި މުބާރާތާ ގުޅިގެން "ޕީއެސްއެމް"އަށް ދިން އިންޓަވިއުއެއްގައި ކޯޗު ބުނީ، މި އަހަރުގެ ސްކޮޑުގައި ހިމެނޭ ހަތަރު ކުދިންގެ ފަރާތުން ވެސް ވަރުގަދަ ޖޯޝެއް ފެންނަމުންދާ ކަމަށާއި، ތަމްރީނުތަކުގައި ވެސް ހިތްވަރާއެކު މަސައްކަތްކުރިތަން ފެނުނު ކަމަށެވެ. އެހެންކަމުން، މި މުބާރާތުން ރަގަޅު ނަތީޖާއެއް ހޯދޭނެކަމަށް އުއްމީދުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ފަހަރުގެ ސްކޮޑުގައި ހިމެނޭ ނަޔާރާ އާއި އާރާއަކީ މިދިޔަ އަހަރު ވެސް މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ ކުޅުންތެރިންނެވެ. އެ މުބާރާތުން 6ވަނަ ލިބުނުކަން ފާހަގަކޮށް އާރާ ބުނީ، ކުރިން މުބާރާތުގައި ހެދުނު މިސްޓޭކުތަކަށް މި ފަހަރު މުބާތާތައް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގައި ސަމާލުކަން ދީގެން، އެކަންކަން ރަގަޅު ކުރަން މަސައްކަތްކޮށްފައިވާނެކަމަށެވެ. އެހެންކަމުން މި އަހަރުގެ މުބާރާތުގައި އެ ތަފާތު ދައްކަން މަސައްކަތް ކުރާނެކަމަށް އާރާ ބުނެފައި ވެއެވެ.
މި މުބާރާތް ކުރިޔަށް ދާނީ މި މަހުގެ 16 އިން 21 ގެ ނިޔަލަށެވެ.