ކުޅިވަރު

ދެވަނަ މެޗުގައި ލަންކާއިން ރާއްޖޭގެ އަންހެން ޓީމު ބަލިކޮށްފި

ދެވަނަ މެޗުގައި ލަންކާއިން ރާއްޖޭގެ އަންހެން ޓީމު ބަލިކޮށްފި

އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗު، ފޮޓޯ: އަދަދު

14 ޖޫން 2025، 11:50

ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ބާސްކެޓު ބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗު ނާކާމިޔާބުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗު ސްރީ ލަންކާއިން ކާމިޔާބުކުރީ 71-45 ޕޮއިންޓުންނެވެ. 

މި މެޗުގެ ފުރަތަމަ ކުއާޓާ ކުރިޔަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން އެ ކުއާޓާގައި ލަންކާއިން ކުރި ހޯދީ ދެ ޕޮއިންޓުގެ ފަރަގަކުން، 15-13 އިންނެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ލަންކާއިން ވަނީ ފަރަގު ބޮޑުކޮށްފައެވެ. އެގޮތުން އެ ކުއާޓާގައި ލަންކާއިން ޕޮއިންޓުގެ އަދަދު ދެގުނަކުރިއިރު، ރާއްޖެއަށް ސްކޯރ ކުރެވުނީ 3 ޕޮއިންޓެވެ.

ތިންވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުން ކުޅުން ރަގަޅުކުރިއެވެ. އަދި ލަންކާއަށް 20 ޕޮއިންޓު ހޯދުނުއިރު، ރާއްޖެއިން ވަނީ 18 ޕޮއިންޓު ހޯދާފައެވެ. 

ފަހު ކުއާޓާގައި ލަންކާއިން 71 ޕޮއިންޓް ހަމަކޮށްފައިވާއިރު، ރާއްޖެއިން އިތުރަށް ސްކޯރކުރި 11 ޕޮއިންޓާއެކު، ޖުމްލަ ހަމަކުރެވުނީ 45 ޕޮއިންޓެވެ. 

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ޕޮއިންޓް ހޯދި މަރިޔަމް މަލާކް މުހައްމަދު ސިފާންއެވެ. އަދި ރާއްޖޭގެ ކައިސަމް ކައިލީން ނިމާލް ވަނީ މި މެޗުގައި 13 ޕޮއިންޓް ހަމަކޮށްފައެވެ.

ރާއްޖޭގެ އަންހެން ޓީމަށް ދެން އޮންނާނީ އިންޑިއާ މެޗެވެ. އަދި ފުރަތަމަ މެޗުގައި ބަނގުލަދޭޝް ބަލިކޮށްފައިވުމުން، މިއަދު ހަވީރު 17:30 ގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވިއްޖެނަމަ ރާއްޖެއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS