ކުޅިވަރު
ސާބާ ކޮލިފަޔާސްގެ ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ސާބާ ކޮލިފަޔާސްގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު، ފޮޓޯ: އަދަދު
މިހާރު ރާއްޖޭގައި ކުރިޔަށްދާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް، ސާބާ ކޮލިފަޔާސްގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ވެސް ނާކާމިޔާބާ ކުރިމަތިލާންޖެހިއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ބޮޑު ތަފާތަކުން، 151-20 ޕޮއިންޓުންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއާ ބައްދަލުކުރި މެޗުގައި ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެ މެޗު ގެއްލުނީ 116-28 ޕޮއިންޓުންނެވެ.
އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި އިންޑިއާ ވަނީ މެޗު ޔަގީންކޮށްފައެވެ. އެގޮތުން އެ ކުއާޓާގައި ރާއްޖެއަށް 3 ޕޮއިންޓު ސްކޯރ ކުރެވުނުއިރު، އިންޑިއާއިން ވަނީ 41 ޕޮއިންޓު ހޯދާފައެވެ.
ދެވަނަ ކުއާޓާގައި ފުރަތަމަ ކުއާޓާއަށް ވުރެ ރާއްޖޭގެ ޓީމުން ސްކޯރ ރަގަޅު ކުރިއެވެ. ނަމަވެސް އިންޑިއާގެ ސްކޯރ މަތި ކަމުން، ދެ ޓީމުގެ ފަރަގު ވަނީ އިތުރަށް ބޮޑުފައެވެ. އެގޮތުން ދެވަނަ ކުއާޓާ 79-12 އިން ނިމުނުއިރު، ތިންވަނަ ކުއާޓާ ނިމުނީ 14-122 ޕޮއިންޓުންނެވެ.
ފަހު ކުއާޓާގައި އިންޑިއާއިން ވަނީ އިތުރު 31 ޕޮއިންޓު ހޯދާފައެވެ. އެއާއެކު މެޗު ނިމުނީ 151-20 ޕޮއިންޓުން އިންޑިއާއިން މެޗު ކާމިޔާބުކޮށްގެނެވެ.
މި މެޗުގައި އިންޑިއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ތޯހިދް ޝައިކް އެވެ. އޭނާ ވަނީ 20 ޕޮއިންޓް ސްކޯކޮށް 14 ރީބައުންޑް ނަގާފައެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅޭ ތިން ވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.