ޚަބަރު
އޯޝަން ކޮންފަރެންސް: ކަނޑުގެ ދިރުންތައް މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރާއްޖެއިން ހިއްސާކޮށްފި

އޯޝަން ކޮންފަރެންސްގެ ސައިޑް އިވެންޓުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވާހަކަފުޅު ދައްކަވަނީ ---
ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ މާހައުލާއި ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ރާއްޖެއާ އެހެން ގައުމުތަކާއި ސަރަޙައްދީ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމުގެ ގޮތުން، އ.ދ.ގެ ތިންވަނަ އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެއިން އިސްނަގައިގެން ސައިޑް އިވެންޓެއް ބާއްވައިފިއެވެ.
މި ސެޝަންގައި ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ. އަދި މި ތަޖުރިބާގެ އަލީގައި، އެހެން ޤައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވެއެވެ.
ފުރަތަމަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރުގެ ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަން އާއްމު ދިރިއުޅުމާއި ގުޅިލާމެހިފައިވާ މިންވަރާއި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އަދި މިފަދަ ފިޔަވަޅުތަކާއެކު ވެސް މަސްވެރިކަމުން ލިބޭ އާންމދަނީ އިތުރުކުރުމަށް ބަލާއިރު، ދުނިޔޭގެ މަސްވެރިކަމުގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގައި އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި ރިއާޔަތް ނުކުރާކަން ފާހަގަކުރެއްވިއެވެ.
މި ސެޝަންގައި ރާއްޖޭގެ އިތުރުން އިންޑޮނޭޝިއާ އަދި ޓެންޒޭނިއާގެ ސަރުކާރުގެ ފަރާތުން ކުދި ފަންތީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
މީގެ އިތުރުން މި ސެޝަންގައި ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާއާއި އާއި ބޭ އޮފް ބެންގަލް އިންޓަރގަވަމަންޓަލް އޯގަނައިޒޭޝަންގެ ފަރާތުން ބައިވެރިވެ، އެޖަމްއިއްޔާ ތަކުން ކުދި ފަންތީގެ މަސްވެރިކަން ތަރައްގީކޮށް ރާވާ ހިންގާ ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތައް ހިއްސާކުރެއްވިއެވެ.
Minister @shiyamaldives participated in the Space4Ocean Alliance side event at #UNOC3, where he highlighted the urgent and mounting threats faced by ocean-dependent communities, “For us, rising seas and dying reefs are not warnings of what is to come; they are evidence of what is… pic.twitter.com/AevpEh1HGD
— Ministry of Fisheries and Ocean Resources (@MFORmv) June 13, 2025
މިސައިޑް އިވެންޓްގެ ދެ ވަނަ ސެޝަންގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާރކެއް ތަރައްގީކުރުމާއި އިތުރު ތިން ބަޔޮސްފިއަރ ރިޒާވް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެކަށީގެންވާ ގޮތެއްގައި މެނޭޖްކޮށް ބެލެހެއްޓުމަށް ސަރުކާރުން ދޭ ސަމާލުކަމާއި އަހައްމިޔަތުކަމަށް އަލިއަޅުވާލެއްވިއެވެ.
ދެވަނަ ސެޝަންގައި އިނގެރޭސިވިލާތުގެ ޖޮއިންޓް ނޭޗަރ ކޮންޒަވޭޝަން ކޮމިޓީއާއި ފަރަންސޭސި ވިލާތުގެ ފްރެންޗް ބަޔޯޑައިވަރސިޓީ އޮފީހުގެ މަންދޫބު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި މި ކަމާ ގުޅިގެން ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ. އަދި މިފަދަ ސަރަހައްދުތައް މެނޭޖްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ދައުރު ވަނީ ފާހަގަކޮށްފައެވެ.