ޚަބަރު
ޝެއިޚް ފަރީދުގެ ނަމުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމައިފި

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ---
ފަޟީލަތުއްޝައިޚް މުޙައްމަދު ފަރީދު އަޙުމަދުގެ ނަމުގައި ދިވެހިރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ވަނީ ޝެއިޚްގެ ނަމުގައި ބަނގުލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް އިއްޔެ ހަވީރު ހުޅުވާލާފައެވެ. އެއީ 455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް 250 އަކަމީޓަރުގެ މިސްކިތެއްކަމަށް، މިސްކިތް ބިނާކުރުމަށް އެހީތެރިވުމަށް އެދި ހުޅުވާލި ޕޯސްޓުގައި ވެއެވެ. އަދި އެ މިސްކިތް ބިނާކުރުމަށް ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެކަމަށް ހޭދަވާނެކަމަށް އަންދާޒާކުރި 760،000ރ. ހަމަވިއެވެ.
ނަމަވެސް، އެ ޖަމްޢިއްޔާއިން މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ހާމަކުރިގޮތުގައި، ގިނަ ބަޔަކު އެ ކަމުގައި ބައިވެރިވުމަށް އަދިވެސް އެދޭތީ، ޝެއިޚް ފަރީދުގެ ނަމުގައި ރާއްޖޭގައި އިތުރު މިސްކިތެއް ބިނާކުރަން ނިންމައި، އެކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޚިދުމަތް ޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ޝެއިޚް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް ނިންމީ، ޝެއިޚް ކޮށްދެއްވި މަސައްކަތްތަކަކީ ދުލާއި ގަލަމުން ބަޔާންކުރާ ވަރަށް ބުރެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އެގޮތުން ޝެއިޚް ދޫކުރެއްވި ހެޔޮ ނަޞޭހަތާއި ޢިލްމުން މިއަދު ވެސް ފައިދާކުރަމުންދާ ކަމަށާއި، އެހެންކަމުން ޝެއިޚްގެ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ދެމިގެންދާ ޞަދަޤާތެއް ކުރަން ބޭނުންވީ ކަމަށެވެ.
ޝައިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ނިޔާވުމަށްފަހުވެސް އެބޭފުޅާއަށް މަންފާ ކުރާނޭ ދެމިގެންދާ ޞަދަޤާތެއް ކުރަން، އެބޭފުޅާގެ ޢިލްމުން ފައިދާކުރި ކޮންމެ ފަރުދަކު ބޭނުންވާނެއެވެ އެހެންކަމުން އެބޭފުޅާގެ ނަމުގައި ބަންގްލާދޭޝްގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމްޢިއްޔާގެ ފަރާތުން މިފެށުނު މަސައްކަތުގައި ބައިވެރި ވެލައްވަމާތޯއެވެ.
ޚިދުމަތް ޖަމްޢިއްޔާއިން ކުރި ޕޯސްޓުގައި ވެއެވެ.
ޝައިޚް ފަރީދު ނިޔާވެފައިވަނީ ދަޢުވާގެ މަސައްކަތުގައި މެލޭޝިޔާއަށް ކުރެއްވެވި ދަތުރެއްގައި، މެލޭޝިޔާއަށް ވަޑައިގަންނަވައި ބޯޓުން ފައިބައިވަޑައިގަންނަވަނިކޮށް ވެއްޓި ވަޑައިގެން ފަރުވާދެމުންދަނިކޮށެވެ.
ޝައިޚް ފަރީދަކީ ރާއްޖޭގައި އިސްލާމް ދީނުގެ ހެޔޮގޮތް ފެތުރެއްވުމަށް ބުރަމަސައްކަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރި ޢާލިމެކެވެ.