ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ސެޒޭނު އިސްތިއުފާ ދީފި

ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ސެޒޭނު އިސްތިއުފާ ދީފި

ގައުމީ ކޯޗެއްގެ މަގާމުގައި ހުރި އަލީ ސެޒޭނު ---

10 ޖޫން 2025، 08:30

އޭއެފްސީ އޭސިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެއާ ޓީމޯ ލެސްޓޭއާ ބައްދަލުކުރި މެޗަށްފަހު، ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން އިސްތިއުފާ ދީފިއެވެ.

ސެޒޭން މިކަން އިއުލާންކުރީ، އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. 

އޮސްޓްރޭލިއާގެ ޑާވިންގައި މިއަދު މެންދުރު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވީ 1-0 އިންނެވެ.  ފީފާ ރޭންކިންގައި ރާއްޖެއަށްވުރެ 30 ދަރަޖަ ފަހަތުގައި އޮތް ޓީމޯ ލެސްޓޭއިން ވަނީ މުޅި މެޗުގައި ވެސް ރަގަޅު ހަމަލާތަކެއް އުފައްދާފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ބުނީ މި ނަތީޖާގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާ ކަމަށާއި، މިއީ ގައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށެވެ. އެހެންކަމުން ގައުމީ ކޯޗުގެ މަގާމާ ދުރަށްދާން އޭނާ ނިންމާފައިވާ ކަމަށެވެ.

ސުޒޭން އިތުރަށް ބުނީ ދިވެހި ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވައި ގައުމީ ޓީމާއެކު މަސައްކަތް ކުރަން ލިބުން ވެގެންދިޔައީ ވަރަށް ބޮޑު ޝަރަފަކަށް ކަމަށެވެ. އަދި ކޯޗެއްގެ މަގާމުގައި ހުރި ދުވަސްތަކުގައި އެއްބާރުލުންދިން ކުޅުންތެރިންނާ، އޮފިޝަލުން އަދި މެނޭޖްމަންޓަށް ޝުކުރުއަދާ ކުރާ ކަމަށް ސުޒޭން ވަނީ ބުނެފައެވެ.

މި މަހު ބޭއްވުމަށް ކުރިން ނިންމާފައި އޮތް ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ކޯޗެއް ހޯދުމަށް އެފްއޭއެމްއިން އިއުލާންކުރިއެވެ. ނަމަވެސް ފަހުން، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ލަސްވުމާ ގުޅިގެން، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން ނިންމީ ދެ މެޗަށް އާ ކޯޗެއް ހޯދުމުގެ ބަދަލުގައި ސުޒޭނާއެކު ކުރިއަށްދިއުމަށެވެ.

ސުޒޭން ވަނީ ގައުމީ ޓީމުގައި އެންމެ ފަހުން މަސައްކަތްކުރި ބިދޭސީ ދެ ކޯޗުންނާއެކު ވެސް މަސައްކަތްކޮށްފައެވެ. އަދި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަކިކުރުމުން، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސުޒޭން ވަނީ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލައިފައެވެ. އަދި 2021ގެ ފަހުން އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓު ކޯޗަކަށް މަސައްކަތްކުރުމަށްފަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ގައުމީ ޓީމުގެ ކޯޗަކަށް މަސައްކަތް ކުރަމުން އައީ ސުޒޭންއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS