ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިން ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

އޭޝިއަން ކަޕް ކޮލިފައިން ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ރާއްޖެއާ ޓީމޯ ލެސްޓޭއާ ކުޅުނު މެޗުގެ ތެރެއިން ---

10 ޖޫން 2025، 04:56

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ. 

އޮސްޓްރޭލިއާގެ ޑާވިންގައި މިއަދު މެންދުރު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހިރާއްޖެ ބަލިވީ 1-0 އިންނެވެ. 

މި މެޗުގައި ރާއްޖޭގެ ޓީމަށް ރަގަޅު ފުރުސަތުތަކެއް ވެސް ހޯދިފައެއް ނުވެއެވެ. އަދި ޖުމްލަ ގޮތެއްގައި ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ. 

ފީފާ ރޭންކިންގައި ރާއްޖެއަށްވުރެ 30 ދަރަޖަ ފަހަތުގައި އޮތް ޓީމޯ ލެސްޓޭއިން ވަނީ މުޅި މެޗުގައި ވެސް ރަގަޅު ހަމަލާތަކެއް އުފައްދާފައެވެ. އަދި އެމީހުންގެ ގިނަ ހަމަލާތަކެއް ދިފާއު ކުރުމުގައި ރާއްޖޭގެ ގޯކްލީޕަރު ހުސެއިން ޝަރީފް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ޓިމޯ ލެސްޓޭއިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރި ފުރަތަމަ ހާފުގައެވެ. ހާފުގެ އެންމެ ފަހު މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޕައުލޯ ޑޮމިންގޮސް އޭރިއާތެރެއިން ހުރަސްކޮށްލި ބޯޅަ ގޯލުގެތެރެއަށް ފޮނުވާލީ ޖާއޯ ޕެޑްރޯއެވެ. 

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕެޑްރޯ ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ޓީމުގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ. މި މެޗުން ހޯދި މޮޅާއެކު ދެ މެޗުން ތިން ޕޮއިންޓް ހޯދާ ޓިމޯ ލެސްޓޭ އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ގުރޫޕްގެ ފުލުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS