ޚަބަރު
ސީޕީގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ޝަރުތުހަމަވާކަމަށް ނިންމައިފި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމް (ކ)، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ (މ) އަދި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން (ވ)
ހުސްވެފައިވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ޝަރުތުހަމަވާކަމަށް ޕޮލިސް ބޯޑުން ނިންމައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު 25 އޭޕްރީލްގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން މެއި 8 ވަނަ ދުވަހު ޝުޖާއު ވަނީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވާފައެވެ.
އެ މަގާމަށް ހުޅުވާލުވުމުން ކުރިމަތިލައްވާފައި ވަނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.
ސީޕީގެ މަގާމަށް އެދި ހުށަހަޅާ ފަރާތްތައް ވަޒަންކުރާނީ ޕޮލިސް ބޯޑުންނެވެ. އޭގެ ފަހުގައި ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަވާ ވަޒީރެއްގެ ލަފާގެ މަތިން، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެވޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ތިބޭ އޮފިސަރުންނެވެ. އަދި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންތަވިއުކުރުމަށް ހަމަޖެހިފައިވާއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މީހުންނާ ބެހޭ ރިޕޯޓެއް ހަދާނެއެވެ.