ޚަބަރު
ދެކުނުގެ ހަތަރު އަތޮޅަކަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދުއްވާފައި ދަނީ ---
މާލެއިން ދެކުނުގެ ހަތަރު އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައި ވަނީ ގއ، ގދ، ޏ އަދި އައްޑު އަތޮޅަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
Alert White for heavy rain, thunderstorms, and gust winds. pic.twitter.com/iYhe7IC6W8
— Maldives Meteorology (@MetMaldives) June 10, 2025
މީގެ ތިން ދުވަސް ކުރިން މެޓު އޮފީހުން ނެރުނު ބަޔާނެއްގައި އޮތީ، 2025 ޖޫން 9 ވާ ހޯމަ ދުވަހުން ފެށިގެން ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ، ކަނޑު ގަދަވާނެ ކަމަށެވެ. މި މުއްދަތުގައި ރާއްޖޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަ ވަޔާއި ބޯ ވާރޭއާ ގުޅިގެން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
މޫސުމަށް އަންނަ މި ބަދަލަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން އަންނަ ބަދަލެއްކަމަށް މެޓު އޮފީހުން ފާހަގަކޮށްފައިވެއެވެ.