ޚަބަރު
ދީނީ ކަންކަމަށް މަގު ދެއްކެވުމަށް ފަރީދު އަދާކުރެއްވެވި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ---
ދީނީ ކަންކަމަށް މަގު ދެއްކެވުމަށް ފަރީދު އަދާކުރެއްވެވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ޝެއިޙް ފަރީދުގެ ވަކިވުމުގެ ޚަބަރު އެ މަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ޝެއިޚް ފަރީދު ހުރިހާ ވަގުތެއް ހޭދަކުރެއްވީ ހެޔޮ ކަންކަމަށް މަގުދެއްކެވުމަށް ކަމަށާއި، އެބޭފުޅާއަކީ ޚުލްޤު ހެޔޮ އަޅުވެރިއެއްކަމަށް ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެކެވެ. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި ޝެއިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
ޝެއިޚް ފަރީދު ނިޔާވީ އިއްޔެ މެލޭޝިއާގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގައުމަށް ވަޑައިގެންނެވުމަށްފަހު ފްލައިޓުން މެލޭޝިއާ އެއާރޕޯޓަށް ފޭބި ވަގުތު ޝެއިޚް ވަނީ ވެއްޓިފައެވެ. އަދި އޭގެ ފަހުން ސީޕީއާރު ދިން ކަމަށާ، ނަމަވެސް ހިތުގެ ވިންދު ނުލިބި ނިޔާވީކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝައިޚް ފަރީދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝައިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޛެއް ކަމަށާއި އެއީ ޚިދުމަތްތެރި ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) June 9, 2025
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. ޝައިޚު ފަރީދު ވަކިވެދިއުމަކީ ދިވެހި ޤައުމަށް އަދި އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެކެވެ. ޝައިޚު ފަރީދަކީ އިސްލާމީ މަސައްކަތުގައި… pic.twitter.com/bpD6xymTK2
ޝެއިޚް ފަރީދަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އަދި ދީނީ ވާހަކަތައް ދިވެހިންނަށް ގެނަސްދީ، اللهގެ ދަޢުވަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.