ކުޅިވަރު

ރޮނާލްޑޯގެ ބޮޑު ހިއްސާއަކާއެކު ޕޯޗުގަލްއިން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ރޮނާލްޑޯގެ ބޮޑު ހިއްސާއަކާއެކު ޕޯޗުގަލްއިން ނޭޝަންސް ލީގު ކާމިޔާބުކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގެ ތަށި ޕޯޗުގަލްއިން އުފުލާލުން ---

09 ޖޫން 2025، 04:34

ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮޑު ހިއްސާއަކާއެކު، ސްޕެއިން ބަލިކޮށް ޕޯޗުގަލްއިން ދެވަނަ ފަހަރަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލާއި، ފައިނަލުގައި ވެސް ރޮނާލްޑޯ ވަނީ މުހިންމު ގޯލުތަކެއް ކާމިޔާބުކޮށްދީފައެވެ. އެ ގޮތުން ސެމީ ފައިނަލުގައި 2-1 އިން ޖަރުމަނު ބަލިކުރިއިރު މޮޅުވި ގޯލާއި، ރޭގެ ފައިނަލުގައި އެއްވަރުކޮށްދިން ގޯލު ކާމިޔާބުކުރި ރޮނާލްޑޯއެވެ.

ޖަރުމަނުގެ މިއުނިކްގެ އެލިއަންޒް އެރީނާގައި ރޭ ކުޅުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައިވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ޕެނަލްޓީގައި ޕޯޗުގަލް ކުރި ހޯދީ 5-3 އިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ ސްޕެއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިންއަށް ލީޑު ނަގައިދިނީ ރިއަލް ސޮސިއެދާދުއަށް ކުޅެމުން އަންނަ މާރޓީން ޒުބިމެންޑީއެވެ. އޭގެ 5 މިނެޓު ފަހުން ޕީއެސްޖީއަށް ކުޅޭ ނޫނޯ މެންޑޭޒް ޕޯޗުގަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ސޮސިއެދާދަށް ކުޅޭ މިކެލް އޮޔަޒަބެލް އަނެއްކާ ވެސް ސްޕެއިންނަށް ލީޑު ނަގައިދިނެވެ. 

ޕޯޗުގަލްއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 61 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލުންނެވެ. 

ޕެނަލްޓީގައި ޕޯޗުގަލްއިން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައިވާއިރު، ސްޕެއިންއިން ޖެހި ހަތަރުވަނަ ޕެނަލްޓީ އަލްވާރޯ މޮރާޓާ ފޮނުވާލިއިރު، ޕޯޗުގަލްގެ ކީޕަރު ޑިއޮގޯ ކޮސްޓާ ވަނީ ދިފާއުކޮށްފައެވެ.

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ ސްޕެއިންއެވެ. 

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޯޗުގަލްގެ ފަހަތަށް ކުޅެމުން އަންނަ ނޫނޯ މެންޑޭޒްއެވެ. އޭނާ ވަނީ ފައިނަލުގައި ގޯލެއް ކާމިޔާބު ކުރުމުގެ އިތުރުން، ސެމީފައިނަލުގައި އެސިސްޓެއް ވެސް ކޮށްދީފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS