ކުޅިވަރު

އަރުމޭނިއާގައި ކުރިޔަށް ދިޔަ ބެޓްމިންޓަން މުބާރާތަކުން ރާއްޖޭގެ ލައިބާ ތިން ރަން މެޑަލް ހޯދައިފި

އަރުމޭނިއާގައި ކުރިޔަށް ދިޔަ ބެޓްމިންޓަން މުބާރާތަކުން ރާއްޖޭގެ ލައިބާ ތިން ރަން މެޑަލް ހޯދައިފި

ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް މުބާރާތުގައި މެޑަލް ހާސިލްކުރި ބައިވެރިންތަކަކާއެކު ---

09 ޖޫން 2025، 02:55

އަރުމޭނިއާގައި ކުރިޔަށް ދިޔަ ޖޫނިއަރ ބެޓްމިންޓަން މުބާރާތަކުން ރާއްޖޭގެ ލައިބާ އަޙްމަދު މަޚްލޫފް ތިން ރަން މެޑަލް ހޯދައިފިއެވެ. މިއީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ރާއްޖެއަށް ނިސްބަތްވާ ކުޅުންތެރިއަކު ރަން މެޑަލް ހޯދި ފުރަތަމަ ފަހަރު ވެސް މެއެވެ. 

އުމުރުން 12 އަހަރުގެ ލައިބާ ވަނީ "އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށްފައެވެ. އެގޮތުން ލައިބާ ވާދަކުރި ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުން އޭނާ ވަނީ ރަން މެޑަލް  ހޯދާފައެވެ.

މުބާރާތުގެ ސިންގަލްސް ފައިނަލު ލައިބާ ކާމިޔާބުކުރީ ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ.

މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ. އަދި ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ލައިބާ މި ހޯދި ކާމިޔާބަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ދަންނަވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ތިން އަހަރުވެފައިވާ ލައިބާ ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ވާދަކޮށް 5 ރިލި މެޑަލް އަދި 15 ލޯ މެޑަލް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS