ކުޅިވަރު

އޭޝިއަން ކަޕް ކޮލިފައިން މެޗަށް ރާއްޖޭގެ ޓީމު އޮސްޓްރޭލިއާއަށް

އޭޝިއަން ކަޕް ކޮލިފައިން މެޗަށް ރާއްޖޭގެ ޓީމު އޮސްޓްރޭލިއާއަށް

ދިވެހި ގައުމީ ޓީމު---

07 ޖޫން 2025، 10:27

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޮސްޓްރޭލިއާއަށް ހިނގައްޖެއެވެ. 

މި މަހުގެ 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އޮސްޓްރޭލިއާގައި ކުޅުމަށް ނިންމީ، ޓިމޯ ލެސްޓޭގައި އެކަށޭނަ ފުޓުބޯޅަ ދަނޑެއް ނެތުމުންނެވެ. އެހެންކަމުން މެޗު ކުޅޭނީ އޮސްޓްރޭލިއާގެ ޑާވިންގެ ޓެރެޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ.

މި މެޗަށް ސްކޮޑު އެކުލަވާލިއިރު އައު ތިން ކުޅުންތެރިން ޓީމުގައި ހިމެނުނެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމާއި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. 

ކޮލިފައިން މެޗު ކުޅުމަށް ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ގައުމީ ޓީމު އޮސްޓްރޭލިއާގެ ޑާވިންއަށް ދިޔައިރު، މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ވަނީ ބުރާސްފަތި ދުވަހު ސިންގަޕޫރާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެ މެޗުން ސިންގަޕޫރު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އެކަމަކު އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗު އަލީ ސުޒެއިން ވަނީ ޓިމޯ ލެސްޓޭ މެޗުގެ ކުރިން ކުޅުނު މެޗުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، ރާއްޖެއިން ފުޓްބޯޅައިގެ ބޭރުގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސިންގަޕޫރު މެޗަކީ ޓީމަށް މުހިންމު މެޗެއް ކަމަށް ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭއިރު، ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތްއިރު، އެ މެޗުން ރާއްޖެ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި ޓިމޯ ލެސްޓޭ މެޗަށްފަހު ދެން އޮންނާނީ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS