ކުޅިވަރު
ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް، ޓޮޓްނަމްގެ ކޯޗުގެ ވަޒީފާ ގެއްލިއްޖެ

އޭންޖެލް ޕޮސްޓެކޯގްލޫ ---
ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅޭ ދެވަނައަށް އެންމެ ފޯރިގަދަ މުބާރާތް ކަމުގައިވާ، ޔޫރޮޕާ ލީގު އެންމެ ފަހުން ކާމިޔާބުކުރި ކޯޗަށް އޭނާގެ ވަޒީފާ ގެއްލިއްޖެއެވެ.
އިނގިރޭސިވިލާތުގެ ޓޮޓްނަމް ހޮސްޓްޕާރއަށް ޔޫރަޕުގައި ބޮޑު ކާމިޔާބެއް ހޯދައިދީ، އެ ޓީމު ޗެމްޕިއަންސް ލީގަށް ގެންދިޔަ ނަމަވެސް، އޮސްޓްރޭލިއާގެ އޭންޖް ޕޮސްޓެކޯގްލޫ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިކުރީ، ޕްރިމިއާ ލީގުގައި އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ހޯދިފައި ނުވުމުންނެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ޓޮޓްނަމް ޗެމްޕިއަންކަން ހޯދިއިރު މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.
ނަމަވެސް ޓޮޓްނަމްއަށް މިދިޔަ ސީޒަންގައި ލީގު ނިންމާލެވުނީ ދަށް ނަތީޖާތަކާއެކު 17 ވަނައިގައެވެ.
މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު 38 މެޗުގެ ތެރެއިން އެ ޓީމު ވަނީ 22 މެޗުން ބަލިވެފައެވެ. މިކަމުގެ އެއް ސަބަބަކީ ޓީމަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކެވެ.
މީގެ ދެ އަހަރު ކުރިން ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ހަވާލުވި ޕޮސްޓެކޮގްލޫ އަބަދުވެސް ބުނަމުން އައިސްފައިވަނީ އޭނާ އަކީ ދެވަނަ ސީޒަނުގައި ތަށި ހޯދާ ކޯޗެއް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ރަގަޅު ޓީމެއް ބިނާ ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ޔޫރޮޕާ ލީގަކީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީ ކަމަށާއި ނަމަވެސް އެކަމަށް އެކަނި ވިސްނައިގެން ކްލަބުގެ މުސްތަގުބަލް ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 66 މެޗުން އެ ޓީމަށް ލިބިފައިވަނީ 78 ޕޮއިންޓް ކަމަށާއި މިއީ އެ ކްލަބުން އެންމެ އެދޭ ނަތީޖާތަކެއް ނޫން ކަމަށެވެ.