ކުޅިވަރު
މި އަހަރު ގޯލްޑު ކަޕަށް މާލެ ދެވޭނީ އަތޮޅުތަކުގައި ކުޅޭ ކޮލިފައިން މެޗުތަކަށްފަހު

މިދިޔަ އަހަރު އޮތް މުބާރާތުގެ ތަށި އޭދަފުށިން އެފުލާލަނީ ---
މި އަހަރު ބާއްވާ 90 ޕްލަސް ގޯލްޑް ކަޕްގެ މެޗުތަކަށް މާލެ ދެވޭނީ، އެ އަތޮޅެއްގައި ކުޅޭ ކޮލިފައިން މެޗުތަކަށްފަހު ކޮލިފައިވާ ޓީމުތަކަށް އެކަނިކަމަށް، މުބާރާތް ބާއްވާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ 90 ޕްލަސްއިން ހާމަކޮށްފިއެވެ.
ރާއްޖޭގައި ފުޓުބޯޅައަށް އޮންނަ ފޯރި ދަށްވަމުން ގޮސް، ޕްރޮފެޝަނަލް ލީގު ބަލަން ދަނޑަށް ވަންނަ މީހުންގެ އަދަދު ވެސް އިންތިހާއަށް މަދުވެފައި ވާތީ ، ފުޓުބޯޅައިގެ ފޯރި ގެނައުމަށް މި މުބާރާތް ފަށާފައި ވަނީ މިދިޔަ އަހަރެވެ. އަދި ރާއްޖޭގެ ފުޓުބޯޅަ ލީގު މެދުކެނޑިފައި އޮތުމުން، ޤައުމީ ފެންވަރުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ވަނީ އެ މުބާރާތް ކުޅެފައެވެ.
މި އަހަރުގެ ގޯލްޑް ކަޕް މުބާރާތުގައި އަމަލުކުރަން ހަމަޖެހިފައިވާ އައު ފޯމެޓު 90 ޕްލަސްގެ ފޭސްބުކް ޕޭޖުގައި މިހާރު އާންމުކޮށްފައިވާއިރު، އޮޓިމެޓިކް 8 ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކަށްށެވެ.
އެގޮތުން އޮޓޮމެޓިކް ޖާގަލިބިފައިވަނީ، ޗެމްޕިއަން ބ. އޭދަފުށި، ރަނަރަޕް އައްޑޫ ސިޓީ، ސެމީގައި ވާދަކުރި މާލެ ސިޓީ، ރ. އަލިފުށި، އަދި ގަދަ އަށަކަށް ދިޔަ ފުވައްމުލައް ސިޓީ، ކ. ގުރައިދޫ، ޅ. ނައިފަރު އަދި ކ. މާފުއްޓަށެވެ.
މީގެ އިތުރުން މިދިޔަ އަހަރު ވާދަނުކުރާ ސިޓީތަކުގެ ތެރެއިން ކުޅުދުއްފުށި ސީޓީއާއި ތިނަދޫ ސިޓީއަށް އިންވިޓޭނަލް ޖާގަތަކެއް ދިނުމަށް ވެސް ނިންމާފައެވެ.
އަދި ޖުމްލަ 28 ޓީމަކަށް މުބާރާތުން ޖާގަ ދިނުމަށް ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ކުއާޓާ ކުޅުނު ޓީމުތަކަށާއި، އިންވައިޓް ކުރި ޓީމުތަކަށްފަހު ބާކީ އޮތް 18 ޖާގަ ދޭނީ އަތޮޅުތަކަށެވެ. އަތޮޅުތަކުގެ ކޮލިފައިން މެޗުތައް ކުރިޔަށް ގެންދާނީ ކައުންސިލްތަކާ ގުޅިގެންކަމަށް 90 ޕްލަސް އިން ވަނީ ހާމަކޮށްފައެވެ. ކޮލިފައިން މެޗުތައް ކުޅޭނީ ކޮންމެ އަތޮޅެއްގައިވެސް ކަނޑައަޅާ ވަކި ރަށެއްގައެވެ.
އެގޮތުން 28 ޓީމަކާއެކު މުބާރާތް ކުރިޔަށް ގެންދާނީ 7 ގްރޫޕަށް ބަހާލައިގެން، ކޮންމެ ގްރޫޕެއްގައި 4 ޓީމު ހިމެނޭގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނައަށްދާ ޓީމު ގަދަ-16 އަށް ދަތުރުކުރާއިރު، މި ބުރުގެ ދެ ޖާގައެއް، ތިން ވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމަކަށް ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތް ބާއްވާނެ ވަކި ތާރީހެއް ކަނޑައަޅާނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ ތާރީހަކާއެކު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުގެ ކަލަންޑަރަކަށް ގެންނަ ބަދަލުތައް އިއުލާނުކުރުމުންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ފުވައްމުލަކު ސިޓީ، ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ހއ. ދިއްދޫ، މާލެ ސިޓީ، ތ. ތިމަރަފުށި، ބ. އޭދަފުށި އަދި ބ. ތުޅާދޫ ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ، ޅ. ކުރެންދޫ، ކ. ހުރާ، ކ. ގުރައިދޫ، ޅ. ނައިފަރު، ކ. މާފުށި، ރ. އަލިފުށި އަދި ބ. ކެންދޫ ހިމެނެއެވެ.
ނޮވެމްބަރު 20 ން ފެށިގެން ޑިސެމްބަރު 25 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފައިނަލްގައި އައްޑޫ ސިޓީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ. އޭދަފުއްޓެވެ.