ކުޅިވަރު
ނޭޝަންސް ލީގު: ރޮނާލްޑޯގެ ގޯލަކުން ޖަރުމަނު ބަލިކޮށް ޕޯޗުގަލް ފައިނަލަށް

މެޗުން މޮޅުވި ގޯލު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ، ފޮޓޯ: ރޮއިޓާެރސް
ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާއެކު، ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.
ޕޯޗުގަލް ފައިނަލަށް ދަތުރުކުރީ، ރޭ ކުޅުނު ސެމީފައިނަލް މެޗުގައި 2-1 އިން ޖަރުމަނުވިލާތް ބަލިކުރުމަށްފަހުއެވެ. ޖަރުމަނުގެ ވެރިރަށް މިއުނިކުގައި ކުޅުނު މި މެޗުގެ ހުރިހާ ގޯލެއް ފެނިގެން ދިޔައީ ފަހު ހާފުގައެވެ.
މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ޖަރުމަނުންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފަހު ހާފުގެ ދެވަނަ މިނެޓުގައި ބެޔާރ ލެވަކޫސަންގެ ފޯވަޑް ފްލޯރިއަން ވާރޓްޒްއެވެ. އޭނާއަކީ މި އަންނަ ސީޒަނަށް އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ގެންދިއުމަށް އެ ކުލަބުން ވަރަށް ގަދައަށް ފާރަލަމުންދާ ކުޅުންތެރިއެކެވެ.
ބޯކޮށް ވާރޭވެހި ގުގުރުމާއި ގުޅިގެން މެޗު ފަށަން އޮތް ވަގުތަށްވުރެ ދިހަ މިނިޓު ލަހުން ފެށި މި މެޗުގައި ޕޯޗުގަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 63 ވަނަ މިނިޓުގައި ރުބެން ޑިއާޒް ދިން ޕާހަކުން ފްރެންސިސްކޯ ކޮންސެއިސާއޯ ކާމިޔާބުކޮށްދިން ގޯލުންނެވެ.
އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ ޤައުމީ ޓީމަށް މިހާތަނަށް ކުޅެފައިވާ 220 މެޗުން އޭނާ ކާމިޔާބުކުރި 137 ވަނަ ގޯލެވެ.
އިތުރަށް ފާހަގަކޮށްލެވޭ ކަމަކީ، މިއީ 2000 ވަނަ އަހަރަށްފަހު ވާދަވެރި މެޗަކުން ޕޯޗުގަލްއަށް ޖަރުމަނު ބަލިކުރެވުނު ފުރަތަމަ ފަހަރުކަމެވެ.
ދެ އަހަރުން އެއް އަހަރު ޔޫއެފާއިން ބާއްވަމުން އަންނަ ނޭޝަންސް ލީގު 2019 ގައި ކާމިޔާބުކުރީ ޕޯޗުގަލްއެވެ. އަދި 2021 ގައި ޗެމްޕިއަންކަން ފްރާންސް ހޯދިއިރު، އެންމެ ފަހުން 2023 ގެ ޗެމްޕިއަންކަން ހޯދީ ސްޕެއިންނެވެ.
މި އަހަރުގެ ސެމީ ފައިނަލް ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ މުބާރާތް ކުރިން ކާމިޔާބުކޮށްފައިވާ ދެ ޓީމު ކަމުގައިވާ ފްރާންސް އާއި ސްޕެއިންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ޖަރުމަނުގެ މިއުނިކް ގައެވެ.