ކުޅިވަރު
ޗެމްޕިއަންސް ލީގު ފައިނަލުގެ ނާކާމިޔާބަށްފަހު އިންޓަރ މިލާނާއި އިންޒާގީ ވަކިވެއްޖެ

ސިމިއޯން އިންޒާގީ ---
ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އިން އިންޓަރ މިލާން "ފުނޑުފުނޑު" ކޮށްލިތާ ތިން ދުވަސް ފަހުން، ދެ ފަރާތުގެ އެއްބަސްވުމާއެކު އިންޓަރ މިލާނުގެ ކޯޗުގެ މަޤާމުން ސިމިއޯން އިންޒާގީ ވަކިވެއްޖެއެވެ.
އުމުރުން 49 އަހަރުގެ އިންޒާގީ އިންޓަރގެ ކޯޗެއްގެ މަޤާމާއި ހަވާލުވީ 2021 ވަނަ އަހަރެވެ. އަދި އޭނާ އިންޓަރ މިލާން ދޫކޮށްލުމަށް މިހާރު ނިންމާފައިވާއިރު، ސައުދީ އަރަބިއްޔާގެ އަލް-ހިލާލްއަށް އޭނާ ބަދަލުވުމުގެ ވާހަކަތަކެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޒާގީގެ ނިންމުން އިޢުލާން ކުރަމުން އޭނާ ބުނީ، ހަތަރު އަހަރަށް ފަހު ކްލަބު ދޫކޮށްލަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމާއި، އަދި އިންޓަރގައި ހޭދަކުރި މުއްދަތުގައި އޭނާގެ ޤާބިލްކަން ފުރިހަމައަށް ބޭނުންކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.
އިންޓަރއާއެކު 6 ތަށި ހާސިލްކުރި އިންޒާގީ އިތުރަށް ބުނީ، އިންޓަރގެ ސަޕޯޓަރުން މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށާއި، އުނދަގޫ ވަގުތުތަކާއި، އުފަލާއި ހިތާމައިގެ ވަގުތުތަކުގައި ކެތްތެރިކަމާއެކު އިންޓަރގެ އެތައް މިލިއަން ސަޕޯޓަރުންނެއް އޭނާގެ ފަހަތުގައި ތިބުމަކީ ލިބުނު ބޮޑު އުފަލަކާއި ހިތްވަރެއް ކަމަށެވެ.
މިކަމާ ގުޅިގެން އިންޓަރ މިލާނުން ނެރުނު ބަޔާނެއްގައި ބުނީ، މި ނިންމުމަކީ ދެ ފަރާތުން އެއްބަސްވެގެން ނިންމި ނިންމުމެއް ކަމަށާއި، އިންޓަރ މިލާންގެ ކޯޗެއްގެ ހައިސިއްޔަތުން އިންޒާގީގެ ޚިދުމަތަށް އިހުލާސްތެރިކަމާއެކު ޝުކުރުއަދާކުރާ ކަމަށެވެ.
އިންޓަރ މިލާންއާއެކު އިންޒާގީ ވަނީ އެއް ފަހަރު އިޓަލީ ލީގާއި، ދެ ކޮޕާ އިޓާލިއާ އަދި ތިން ފަހަރު ސުޕަރ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އިންޒާގީގެ އިރުޝާދުގެ ދަށުން ދެ ފަހަރެއްގެ މަތިން އެ ޓީމު ވަނީ ޗެމްޕިއަންސް ލީގު ފައިނަލު ވެސް ކުޅެފައެވެ. ނަމަވެސް ފުރަތަމަ ފަހަރު 1-0 އިން މެންޗެސްޓަރ ސިޓީ އަތުން ބަލިވިއިރު، ދެވަނަ ފަހަރު ޕީއެސްޖީއާ ދެކޮޅަށް ކުޅެ ކުރިމަތިލާން ޖެހުނީ މާ ބޮޑު ނާކާމިޔާބަކާއެވެ.