ކުޅިވަރު
ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ފޯކަސްއަކީ ޓީމޯ ލެސްޓޭ މެޗު: ސުޒެއިން

އަލީ ސުޒެއިން ޕީއެސްއެމްގެ ނޫސްވެރިއަކާ ވާހަކަ ދައްކަނީ، ފޮޓޯ: މިހާރު
މާދަމާ ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ފޯކަސްއަކީ، އޭއެފްސީ އޭޝިއަންކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު ޓީމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުކަމަށް، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޢަލީ ސުޒެއިން ބުނެފިއެވެ.
ފުރުމުގެ ކުރިން "ޕީއެސްއެމް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ، ސިންގަޕޫރު މެޗުގެ ނަތީޖާ ވެސް މުހިންމު ކަމަށާއި، ނަމަވެސް އެޔަށް ވުރެ މުހިންމީ ޓީމޯ ލެސްޓޭ މެޗަށް ތައްޔާރުވުމަށް މި މެޗުގެ ބޭނުން ހިފުން ކަމަށެވެ. އަދި މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމު ރަގަޅަށް ތައްޔާރުވެފައި އޮތުންކަމަށް ވެސް ސުޒޭން ވަނީ ހާމަކޮށްފައެވެ.
ތައްޔާރީތަކާއި ދޭތެރޭ ހަމަގައިމުވެސް ވަރަށް ހިތްހަމަޖެހޭ. އެއީ މުބާރާތެއް ކުޅެލާފަ 5 މެޗުވިޔަސް ކުޅެލާފަ ގިނަ ކުޅުންތެރިން މިތިބީ. ނުވަދިހަ ފަސް ޕަސެންޓް ވިޔަސް. ދެތިން ކުޅުންތެރިން ފިޔަވާ. އެހެންވީމަ ޕްރެކްޓިހުންވެސް އެ މޯޓިވޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ. ފިޓްނަސް ހުރިހާ އެއްޗެއްވެސް ވަރަށް ރަނގަޅުކޮށް ފެނުނީ. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ ހަމަ.
ސުޒެއިން ބުންޏެވެ.
ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ރާއްޖެ ޓީމު ފުރީ އިއްޔެއެވެ. އަދި އޭޝިއަންކަޕް ކޮލިފައިން މެޗަށް ރާއްޖެ ޓީމުން ދާނީ އަނބުރާ ރާއްޖެ ނައިސް، ސިންގަޕޫރުގައި ކޭމްޕުކުރުމަށްފަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާގައެވެ. މިއީ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗު ވެސް މެއެވެ.
މި މެޗު އޮސްޓްރޭލިއާގައި ކުޅުމަށް ނިންމީ ޓީމޯ ލެސްޓޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ދަނޑެއް ނެތުމުންނެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ ވަނީ އެއް މެޗު ކުޅެފައެވެ. ފިލިޕީންސްއާ ދެކޮޅަށް މާޗު މަހު ކުޅުނު އެ މެޗު ރާއްޖެއަށް ގެއްލުނީ 4-1 އިންނެވެ.