ކުޅިވަރު

ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ފުރައިފި

ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ފުރައިފި

ސިންގަޕޫރަށް ފުރުމުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު، ފޮޓޯ: މިހާރު

03 ޖޫން 2025، 07:44

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރުގެ ގައުމީ ފުޓުބޯޅަ ޓީމާއެކު ކުޅޭ އެކުވެރިކަމުގެ މެޗަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމު މިއަދު ފުރައިފިއެވެ.

ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މި މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ސިންގަޕޫރުގެ ނެޝަނަލް ސްޓޭޑިއަމްގައެވެ.

ސިންގަޕޫރުގެ ދައުވަތަކަށް ރާއްޖޭގެ ޓީމުން އެކުވެރިކަމުގެ މެޗަށް ފުރާފައި މިވަނީ މާލޭގައި ފަސް ޕްރެކްޓިސް ސެޝަން ބޭއްވުމަށްފަހުއެވެ. 

އަދި އެ މެޗަށްފަހު އޭގެ ފަސް ދުވަސް ފަހުން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ޓިމޯ ލެސްޓޭ ކުޅޭ މެޗު އޮންނާނެއެވެ. މި މަހު 10ގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު އޮންނާނީ އޮސްޓްރޭލިއާގައެވެ.

މި މެޗަށް ސްކޮޑު އެކުލަވާލިއިރު އައު ތިން ކުޅުންތެރިން ޓީމުގައި ހިމެނުނެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު ހަސަން އީނާޒާއި އޮޑި ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަޙްމަދު އައިހަމާއި އެ ކުލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދެވެ. 

އަލަށް އެކުލަވާލި ޤައުމީ ސްކޮޑުން ބާކީވީ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އާއި ޑިފެންޑަރު މުޙައްމަދު ނިޒާމްއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖެ ވަނީ އެއް މެޗު ކުޅެފައެވެ. ފިލިޕީންސްއާ ދެކޮޅަށް މާޗު މަހު ކުޅުނު އެ މެޗު ރާއްޖެއަށް ގެއްލުނީ 4-1 އިންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS